މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ހަދަމުންދާ ޕާކިން ޒޯންގެ މަސައްކަތްތައް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

"ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ދަށުން މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވަމުން އަންނައިރު މި ޚިދުމަތަކީ، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން މުޅިން އަލަށް ފަށާ ޚިދުމަތެކެވެ.

އެމްޓީސީސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ނައިބު ރައީސް ފައިސަލް ނަސީމް އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ހެނދުނު މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ޕާކިން ޒޯނު ހެދުމުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާ ލައްވާފައިވާ ކަމަށެވެ.

މިނީ ބަހުގެ ޚިދުމަތްދޭން ފެށުމަށްޓަކައި މާލޭގެ ބައެއް މަގުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެކުރިން ވަނީ ވިދާޅުވެފައިވެއެވެ.

ސިޓީ ކައުންސިލުން މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށްޓަކާ ބަސްދުއްވާ މަގުތަކުގެ ޕާކިންގ ހުސްކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ޕާކިން ޒޯން ހެދުމުގެ މަސައްކަތް ފެށީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.

މިނީ ބަހަށް ޚާއްސަކޮށްގެން ޕާކިން ޒޯނުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފަވާއިރު މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.

މިނީ ބަހުގެ ހިދުމަތް ފެށޭނެ ކަމަށް ބުނެ ގިނަ ތާރީހުތަކެއް މީގެ ކުރިންވެސް ސަރުކާރުން އިއުލާނު ކޮށްފައިވެއެވެ. މި ޚިދުމަތް ފެށުމަށްޓަކައި މިއަހަރުގެ ބަޖެޓުގައި 16.9 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މިނީ ބަހުގެ ޚިދުމަތަށް ބޭނުންވާ ބަސްތައް ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެއީ 36 ބަހެވެ. މީގެތެރޭގައި ހިމެނެނީ މާލޭގައި ބޭނުންކުރުމަށް ގެނައި 12 ބަހާ، އަތޮޅުތަކަށް ފޮނުވާ 24 މިނީ ބަހެވެ.

އަތޮޅުތަކުން މިނީ ބަހުގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގެ ހިތަދުއާއި ފޭދުއާ ދެމެދު، އައްޑޫ ސިޓީ ހުޅުމީދޫގައި، ފުވައްމުލައް ސިޓީގައި، ލ. އަތޮޅުން ގަމާ ފުނަދުއާ ދެމެދު އަދި ލ.އިސްދޫ ކަލައިދޫގައެވެ.

މިނީ ބަހުގެ ޚިދުމަތް ދޭން ފަށާ ފުރަތަމަ 2 ހަފްތާގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖަައްސަވާނެ ކަމަށް އާދަމް އާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.