ފަސިންޖަރުންނާއި ކްރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އަރާފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ އެކަން ތަހުގީގުކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނެފައިމިވަނީ ވައިގެ ތެރޭގައި މޯލްޑިވިއަން ފްލައިޓެއްގެ އެއް އިންޖީނު އެފްލައިޓްގެ ކެޕްޓަން ނިއްވާލައިގެން ދުއްވި ކަމަށް ބުނާ ވީޑިއޯއެއް ދައުރުވަމުންދާ ވަގުތެއްގައެވެ.

މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައި ވަނީ އެ ކުންފުނީގެ ބޯޓުތަކުން ދަތުރުކުރައްވާ ފަސިންޖަރުންނާއި ކްރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކުންފުނިން އަބަދުވެސް އެންމެ ބޮޑަށް އިސްކަންދޭ ކަމެއް ކަމަށެވެ.

އެގޮތުން އެ ކުންފުންޏަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގަވާއިދުތަކާއި އެއްގޮތަށް ހިންގަމުންދާ ކުންފުންޏެއްކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އަދި ފަސިންޖަރުންނާއި ކްރޫއިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރުއަރާފަދަ ކަމެއް ފާހަގަކުރެވިއްޖެ ހާލަތެއްގައި އެކަމެއް ތަހުގީގުކުރެވި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާ ކަމުގެ ފުރިހަމަ ޔަގީންކަން މޯލްޑިވިއަނުން ވަނީ ދީފައެވެ.

އެފަދަ ކަންތައްތަކަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީންވެސް ގާތުން ބަލަމުންދާ ކަންތައްތައް ކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.

ވައިގެ ތެރޭގައި ފްލައިޓެއްގެ އިންޖީނެއް ނިއްވާލުމަކީ އޭވިއޭޝަން ގަވާއިދުގަ ބުނާގޮތުން މަނާކަމެކެވެ.