އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭނުމަށް 6 ފަންގިފިލާގެ އިމާރާތެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އެއޮފީހާއެކު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ސޮއިކޮށްފިއެވެ.

މިމަޝްރޫއު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އިފް ކޯޕަރޭޓް ސަރވިސް ނިޝްފާ ފިރާގެވެ.

އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭނުމަށް ތަރައްގީކުރާ މި އިމާރާތަކީ 17،426.20 އަކަފޫޓުގެ ސަރަހައްދެއްގައި ޖުމްލަ 77،718.10 އަކަފޫޓުގެ ޖާގަ ލިބޭގޮތަށް ތަރައްގީކުރާ އިމާރާތެކެވެ. 6 ފަންގިފިލާގެ މި އިމާރާތުގެ އުސްމިނުގައި 23.1 މީޓަރު ހުންނާނެއެވެ.

އެމްޓީސީސީން ބުނީ 138.67 މިލިއަން ރުފިޔާގެ މި މަޝްރޫއު 730 ދުވަހުގެ ތެރޭގައި ނިންމުމަށް އެކުންފުނިން އެއްބަސްވެފައިވާ ކަމަށެވެ.

ވޭތުވެ ދިޔަ އަހަރު 3 އަހަރު ތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރއްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައި ކަން އެކުންފުނިން ފާހަގަކުރެއެވެ. ކުންފުނި އުފެދުނީއްސު އެމްޓީސީސީން ވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖްތިމާއީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.