ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު، ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އިމާރާތުގައެވެ. މި އެއްބަސްވުމުގައި ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ. އަދި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އޮފިސަރ އިންޗާރޖް ކްލިނިކަލް ސާރވިސް ކެޕްޓަން ޑރ. ޝިފްލާ އަބްދުލް ލަތީފެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިން އިން ހިންގާ، ޑޮކްޓަރ އޮފް މެޑިސިން ކޯހުގެ ދަރިވަރުންގެ ފުރަތަމަ ދެ އަހަރުގެ (ޕްރީ ކުލިނިކަލް އަހަރުތަކުގެ) އަމަލީ ތަޖުރިބާގެ ތަމްރީނުތައް ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ކުރިއަށް ގެންދިއުމެވެ.

މި އެއްބަސްވުމުގެ ދަށުން ދަރިވަރުންނަށް ލިބޭނެ ތަޖުރިބާގެ ތެރޭގައި، ބަލިމީހުންނާއި މުއާމަލާތް ކުރުމުގެ ހުނަރުތަކާއި، ބަލިދެނެގަންނަން މައުލޫމާތު ހޯދާނެގޮތް ދަސްކުރުން ފަދަ ކަންކަން ހިމެނެއެވެ. މިއީ ދަރިވަރުންގެ ކިޔެވުމުގެ 3 ވަނަ އަހަރު ފަށާ ކްލިނިކަލް މާއްދާތައް ކިޔަވަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން ހޯދާ ތަޖުރިބާއެކެވެ.

މި އެއްބަސްވުމުގެ ދަށުން ދަރިވަރުންނަށް ކިޔަވައިދޭނީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގެ ޑޮކްޓަރުންނެވެ.