ރާއްޖޭގައި ހިންގާ ނޮން ޕްރޮފިޓް ޓީވީ ޗެނަލެއް ކަމަށްވާ "އޯޝަން ޓީވީ" އަށް ޗައިނާގެ ޓީވީ ޕްރޮގުރާމްތައް ބްރޯޑްކާސްޓްކުރުމުގެ ލައިސެންސް ދީފިއެވެ.

ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ)ގެ "އޯޝަން ޓީވީ" އަށް ޗައިނާގެ ޓީވީ ޕްރޮގުރާމްތައް ބްރޯޑްކާސްޓްކުރުމުގެ ލައިސެންސް ދިނުމުގެ އެއްބަސްވުމުގައި އެ ޖަމިއްޔާއާއެކު ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އިން މިއަދު ވަނީ ސޮއިކޮށްފައެވެ. ސީއެމްސީއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއެމްސީއޭގެ ޗެއާޕާސަން މުޙައްމަދު ރަޝީދެވެ. އަދި ޗައިނާ އެމްބަސީގެ ފަރާތުން ސޮއިކުރެއްވީ އެމްބެސިޑަރ ވޮން ޗިލިންނެވެ.

މި އެއްބަސްވުމުގެ ދަށުން ޗައިނާގެ ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ގިނަ ޓީވީ ޕްރޮގުރާމްތަކެއް ދެއްކުމުގެ ހުއްދަ "އޯޝަން ޓީވީ" އަށް ލިބިގެންދާނެއެވެ. ދިރާގު އައިޕީ ޓީވީގެ ޗެނަލް ނަމްބަރު 15، "އޯޝަން ޓީވީ" ވުޖޫދުކޮށްފައި ވަނީ 2016 ވަނަ އަހަރު ސީއެމްސީއޭ އުފަންވުމަށްފަހު، އޭގެ ދެ އަހަރު ފަހުންނެވެ. ކޮންމެ ރެއެއްގެ 8:00 އިން 12:00 އަށް އޮންއެއަރ ކުރާ މި ޗެނަލްގެ މަގުސަދަކީ ޗައިނާ ހިމެނޭހެން އެކިއެކި ގައުމުތަކުގެ ސަގާފަތު ދިރުވައި އާލާކުރުމަށް ޕްރޮގުރާމްތަކާއި ޑޮކިއުމެންޓްރީތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

މިއަދު ވެވުނު އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ސީއެމްސީއޭގެ ޗެއާޕާސަން މުޙައްމަދު ރަޝީދު ވިދާޅުވީ، މި އެއްބަސްވުމަކީ ދެ ގައުމުގެ ސަގާފަތް ދިރުވައި އާލާކުރުމަށް ހުޅުވުނު ދޮރެއް ކަމަށެވެ. އަދި ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެޅުނު މުހިންމު ފާލަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝީދު ވަނީ "އޯޝަން ޓީވީ" ވުޖޫދުވެގެން މިހާތަނަށް އައި އިރު ޗައިނާގެ ސަގާފަތާއި ފަތުރުވެރިކަން ދައްކުވައިދޭ ވަރަށް ގިނަ އަދަދެއްގެ ޓީވީ ޕްރޮގުރާމްތަކާއި ޑޮކިއުމެންޓްރީތައް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށެވެ. ރަޝީދު ފާހަގަކުރެއްވި ގޮތުގައި ދެ ގައުމެއްގެ ސަގާފަތާއި ގުޅުވައި ޕްރޮމޯޝަން ކުރިއަށް ގެންދާއިރު، މީޑިއާގެ ރޯލު ވަަރަށް މުހިންމު ކަމަށެވެ.

އޭނާ ވަނީ މި އެއްބަސްވުމާއި ހަމައަށް އާދެވުމުން ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އަށް ޝުކުރު އަދާކުރައްވައި ދެއްވާ އެއްބާރުލުން ފާހަގަކުރައްވާފައެވެ.

"އޯޝަން ޓީވީ" ބްރޯޑްކާސްޓްކުރާ ޕްލެޓްފޯމް ކަމަށްވާ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީ ޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 82 ޕަސެންޓް ގޭބިސީއަށް މި ހިދުމަތް ފޯރުކޮށްދީފައެވެ.