ޖުމްހޫރީ ޕާޓީ (ޖޭޕީ) އަކީ އިސްލާމިއްޔަތަށް ލޯބިކުރާ ޕާޓީއެއް ކަމަށް ޖޭޕީގެ ކައުންސިލް މެމްބަރު އަދި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދަޅުވީ، "ވީނިއުސް" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.

މާލޭ ސަރަހައްދުގައި ޒުވާނުންގެ މެދުގައި މަގުބޫލު އިހުސާނުއްދީން ރަޝީދު (އިހޫ) އާއި މުވާޒުއްދީން ރަޝީދު (މުވާ) ޖޭޕީއާ ގުޅުމަށް މިރޭ އޮތް ހާއްސަ ހަފުލާއަކަށް ފަހު "ވީނިއުސް"އާ ވާހަކަދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، ޖޭޕީއަކީ އިސްލާމިއްޔަތަށް ލޯބިކުރާ ޕާޓީއެއް ކަމަށެވެ. އަދި ޖޭޕީގެ އަމާޒަކީ އިސްލާމިއްޔަތަށް ލޯބިކުރާ ޕާޓީއަކަށް އަބަދުވެސް ވުންކަމުގައި ވީހިނދު، ޕާޓީއަށް މެމްބަރުން އިތުރުވެގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ އައިޝަތު ނަހުލާ ވަނީ ޖޭޕީން އަބަދުވެސް އަމާޒު ހިފައިންގެ މަސައްކަތް ކުރަނީ ޕާޓީއަށް މެމްބަރުން އިތުރުކޮށް، އެއް ބައެއްގެ ގޮތުގައި މަސައްކަތްކުރާ ވަރުގަދަ ޕާޓީއަކަށް ވުމަށްކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، އެކަމަނާ ސިޔާސީ މަސައްކަތް ފެއްޓެވީ އަނިޔާވެރި ސަރުކާރެއް ބަދަލުކޮށް ރައްޔިތުން އެދޭ ތާއިދުކުރާ ސަރުކާރެއް ގެނެއުމަށް ކަމަށެވެ.

މިފަކަށް އައިސް ގިނަ އަދަދެއްގެ ޒުވާނުން ޖޭޕީއާ ގުޅެމުން އަންނައިރު، މިރޭ ޖޭޕީގެ މައި ޖަގަހަ މ. ކުނޫޒުގައި ބޭއްވި ހާއްސަ ހަފުލާގައި ޖޭޕީއަށް އަލަށް ގުޅުނު ޒުވާނުންގެ މެމްބަރުކަމުގެ ފޯމާ، ހަވާލުވެލެއްވީ، މިނިސްޓަރ ނަހުލާއެވެ.

މި ހަފުލާގައި އެ ކަމަނާގެ އިތުރުން، އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު އާއި ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ފޮޓޯ: މުހައްމަދު މިޝަލް / ވީނިއުސް

"ތައްޔާރު"ގެ ނަމުގައި 2023ގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ޖުމްހޫރީ ޕާޓީން ހިންގާ ހަރަކާތުގެ ތެރެއިން، އަތޮޅު ތެރޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން އެ ޕާޓީން އަންނަނީ ތައްޔާރު ވަމުންނެވެ.

މިގޮތުން އެކި ރަށްރަށުގައި ޑޯޓުޑޯ ހަރަކާތުގެ އިތުރުން، ޖަލްސާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ މި ހަރަކާތްތަކުގައި ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕުގައި ތިއްބެވި ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ރަށްރަށުގައި ހަރަކާތްތައް ހިންގަން މާލޭން ޖޭޕީގެ ހާއްސަ ޓީމުތައް ރަށްރަށަށް ދާނެ ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

މި ކަމާއި ގުޅޭގޮތުން ވީނިއުސްރޫމްގެ "ފަސްމަންޒަރު" ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމި ނިންމުމާ އެއް ގޮތަށް 2023ގެ ރިޔާސީ އިންތިޚާބުގައި ޖޭޕީން ވާދަކުރާނެކަން އިއުލާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޖޭޕީން އަންނަނީ އެ އިންތިޚާބަށް ތައްޔާރުވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މި ވަގުތު ގައުމުގައި ހިނގަމުންދާ ކަންމާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށާއި ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވުމަށް އަދި ރައްޔިތުންގެ ހާލަތު ދެނެގަތުމަށް ޖޭޕީން މަސައްކަތްތަކެއް ކުރާނެކަމަށް ސައުދު ވިދާޅުވިއެވެ. އަދި ޕާޓީގެ އެތެރޭގެ އެންމެ ބޮޑު އެއް އިންތިޚާބު ކަަމަށްވާ ކޮންގްރެސް ބޭއްވުމަށް ވެސް ތައްޔާރުވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ކޮންގްރެސް ބާއްވާނެ ވަކި ތާޜީޚެއް ކަނޑައަޅާފައި ނުވެއެވެ.

މީގެއިތުރުން ސައުދު ވިދާޅުވީ، މުހިންމު ކަންކަމުގެ ގޮތުގައި ޕާޓީގެ އަތޮޅު އަދި ރަށު ފޯކަލް ޕޮއިންޓުން ހޯދުމާއި ގޮފިތައް ހެދުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެ ކަމަށެވެ.

ޖޭޕީއަކީ ސިޔާސީ ގޮތުން ބަޔަކު މީހުން ދައްކާ ވާހަކަތަކަށް ބަސްބުނެ ރައްދު ދިނުމުގެ ބަދަލުގައި ހަރަކާތްތަކުން ރައްދުދޭ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަކީ މިފަދަ ސިޔާސީ ހަރަކާތްތައް ހިންގުމުގައި މި ފަހުން އެންމެ ހަރަކާތްތެރި ޕާޓީކަން ފާހަގަކުރެވެއެވެ.

2023ގެ އިންތިޚާބުގައި ޖޭޕީން ކުރިމަތި ލާނީ ކޯލިޝަނުގައިތޯ ނުވަތަ ނޫންތޯ އަދި ނުނިންމައެވެ. މީގެ ކުރިން ޖޭޕީން ބުނެފައިވާ ގޮތުގައި ކޯލިޝަނުގައި ވާދަ ކުރުމުގެ ވިސްނުމެއް އެޕާޓީން ދެން ނުގެންގުޅެއެވެ.

ޖޭޕީން ގިނިކަންޏާ ވާދަކުރުމަށް ކެންޑިޑޭޓަކު ނެރޭ ނަމަ ބެލެވޭ ގޮތުގައި އެ ކެންޑިޑޭޓަކީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާޙިމެވެ.