ފުލުހުންގެ ޚިދުމަތަކީ އެއްވެސް ތަފާތުކުރުމެއްނެތި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަންކަމަށް ހައްލު ހޯދައިދިނުމަށް ވިސްނުންތެރިކަމާއެކު ދެވޭ ޙިދުމަތަކަށް ހެއްދެވުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އެދިވަޑައިގެންފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިކަމަށް އެދިވަޑައިގަތީ ފުލުހުންގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް އިފްތިތާހުކޮށް، ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ފުލުހުންނާއި މުޚާތަބުކޮށް ދެއްކެވި ވާހަކައިގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވަނީ ފުލުހުންގެ ހިދުމަތަކީ އެއްވެސް ތަފާތުކުރުމެއްނެތި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަންކަމަށް ހައްލު ހޯދައިދިނުމަށް ވިސްނުންތެރިކަމާއެކު ދެވޭ ޙިދުމަތަކަށް ހެދުމަށާއި ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ހޯދައި މަޝްވަރާކުރާ މައިތަނަކަށް ފުލުހުންގެ މަރުކަޒު ހެދުމަށް ދިވެހި ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ލާމަރުކަޒީކޮށް ފުލުހުންގެ ހިދުމަތް ދިނުމަށާއި ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމަށް ފުލުހުންގެ ގާނޫނުގައި ބާރުއަޅާފައިވާކަން ފާހަގަކުރައްވައި ސީޕީ ވަނީ ދިވެހި ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްވެގެން ދިޔުމަކީ ސަލާމަތާއި ރައްކާތެރިކަން ގާއިމުކުރުމުގެ އިތުރުން އެރަށެއްގެ އިގްތިސާދީ ސިނާއަތާއި އިޖްތިމާއީ ފޭރާން ވަރުގަދަ ކުރުމަށް އެހީވެދޭނެ ކަމެއްކަމުގައި ވިދާޅުވެފައެވެ.

ހަމައެއާއެކު މުޖްތަމައުގެ އަމާންކަމާއި ރައްކާތެރިކަން ދަމަހައްޓައި ކުށްމަދުކޮށް، ކުށުގެ ބިރުވެރިކަން ކުޑަކުރުމަށް ފުލުހުން ކުރާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ރައްޔިތުން ތިއްބެވުމަށް ރައްޔިތުންގެ ކިބައިން ކޮމިޝަނަރ އޮފް ޕޮލިސް ވަނީ އެދިވަޑައިގެންފައެވެ.

އަދި ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުން ފަދަ ބޮޑު މަޝްރޫއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ޕޮލިސް އިންފްރާސްޓްރަކްޗަރ ފެސިލިޓީސް ޑިވަލޮޕްމަންޓް ޕްރޮޖަކްޓުގެ ދަށުން ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވެއެވެ. އެގޮތުން، މިއީ މި ޕްރޮޖެކްޓްގެ ދަށުން ބިންގާ އެޅިގެންދިޔަ ފުރަތަމަ ޕޮލިސް ސްޓޭޝަނެވެ.

އަދި މިއަހަރުގެ ތެރޭގައި ދ. ވާނީ ޕޮލިސް ޓްރެއިނިންގ ސެންޓަރ ރީ ޑިވެލޮޕްމަންޓް ކުރުމާއި، ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އަތޮޅުތަކުގައާއި ރަށްތަކުގައި ޕޮލިސް ސްޓޭޝަންތައް ގާއިމްކުރުމާއި، ޑިވިޜަނަލް ހެޑްކުއާޓަރސް ޕޮލިސް ފޯސް އަދި ޑިޓެންޝަން ސެންޓަރުތައް ގާއިމްކުރުމުގެ އިތުރުން ކުށްތައް މޮނީޓަރކުރެވޭނެ ހަރުދަނާ އިމްތިޒާމްތައް ހަމަޖެހިގެންދާނެއެވެ.