ޕޮލިސް އިންފްރާސްޓްރަކްޗަރ ފެސިލިޓީސް ޑިވަލޮޕްމަންޓް ޕްރޮޖަކްޓުގެ މަޝްރޫޢުތައް އިފްތިތާޙުކޮށް، އެ ޕްރޮޖެކްޓްގެ ދަށުުން ކ. ތުލުސްދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ކ. ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާއި އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބް ޕޫޖާ ޓިއްލޫ އާއި ކ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްއާއި ތުލުސްދޫ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ތުލުސްދޫގައި ފެށިގެންދިޔަ ޕްރޮޖެކްޓަކީ ފުލުހުންގެ ޚިދުމަތަށާއި އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ހަރުދަނާކުރުމަށް ރާއްޖޭގެ މުޅި ތާރީހުގައި ހިންގޭ އެންމެ ބިޔަ ޕްރޮޖެކްޓް ފެށިގެންދާ ދުވަސްކަމަށް ވިދާޅުވިއެވެ.

އަދި ފުލުހުންގެ ޚިދުމަތް ހަރުދަނާކޮށް ފުޅާކުރުމަކީ ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ހިދުމަތުގެ ތެރެއިން އެންމެ މުހިންމު އެއް ޚިދުމަތްކަމަށްވެސް ވިދާޅުވިއެވެ.

ހަމައެއާއެކު ޤައުމުގެ މުޖުތަމައުއާއި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީ ބިނާވެފައި އޮންނަނީ އެބައެއްގެ މެދުގައި އޮންނަ އަމަން އަމާންކަމާއި ސުލްހަވެރިކަމާއި ހަމަޖެހުމުގެ މައްޗައްކަމަށާއި ހަމަޖެހުމެއްނެތް މުޖުތަމައެއް ކުރިއަރާނެ ގޮތެއް ނޯންނާނެ ކަމަށާއި ސުލްހަވެރިވެރިކަމެއްނެތް މުޖުތަމައެއް ފާގަތިކަމެއް ނުލިބޭނެ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކުވެރިކަމެއް ބަދަހި ކަމެއްނެތް މުޖުތަމައަކަށް ހަމަހިމޭން ކަމެއް ނޯންނާނެ ކަމަށާއި މިކަންކަން ހަގީގަތަކަށް ހަދައިދެވޭނީ މިއަދުގެ ދުނިޔޭގައި ފުލުހުންގެ މަސައްކަތުގެ ހަރުދަނާކަން ބިނާކުރެވިފައިވާ މިންވަރުގެ މައްޗަށް ކަމަށެވެ.

ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ފުޅާކޮށް ފުލުހުންނާމެދުގައި ދިވެހިންގެ ތަސައްވަރު ރަނގަޅުކޮށް، ފުލުހުންނަކީ ދިވެހީން އިހްތިރާމްކުރާ އިތުބާރުކުރާ ބަޔަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.