މާލެ އަތޮޅު ތުލުސްދޫ ކައުންސިލުން ކާބޯތަކެތީގެ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނި މޫދަށް އަޅަމުންދާތީ އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އެ ކައުންސިލް ޖޫރިމަނާ ކޮށްފިއެވެ.
އީފީއޭއިން ތުލުސްދޫ ކައުންސިލް ޖޫރިމަނާކޮށްފައި ވަނީ ކުނިމެނޭޖްކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑާ ހިލާފަށް ކުނި މެނޭޖްކުރުމުގެ މަސައްކަތް ކޮށްފައިވާތީ 45،000 ރުފިޔާއިންނެވެ. ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ޖޫރިމަނާ ދެއްކުމަށް ވަނީ އަންގައިފައެވެ.
މީގެ އިތުރުން، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ ރަށު ކައުންސިލުން، ރަށު ފެންވަރުގައި ކުނި މެނޭޖްކުރުމުގެ ޕްލޭނެއް އެކުލަވައިލުމަށް ވެސް ވަނީ އަންގައިފައެވެ.
އަދި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހަދާފައިވާ އެންމެހާ ގާނޫނާއި ގަވާއިދުތަކަށް ބޯލަނބާ ކިޔަމަންތެރިވެ އެއާ ހިލާފު އެންމެހާ އަމަލުތަކުން ދުރުވެ ތިބުމަށް އީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
ތުލުސްދޫ ކައުންސިލުން އެ ރަށުގައި ބަހައްޓާފައި ހުންނަ ޑަސްބިންތައް މޫދަށް ހުސްކުރާ މަންޒަރު ފެންނަ ވީޑިއޯތަކެއް ދާދިފަހުން ވަނީ އާންމުވެފައެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.