ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު، އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ވަނީ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑަށް އެ މަޝްރޫއު އެވޯޑު ކުރެވިފައިވާ އަގަކީ 136 މިލިއަން އެމެރިކާ ޑޮލަރަށް ކަމަށެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާއެވެ.

މިނިސްޓްރީން ބުނީ، އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019ގައި ސޮއިކުރި ކްރެޑިޓް ލައިނެއްގެ ދަށުން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ އެ މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އައު ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތްކުރެވޭނެ ކަމަށެވެ.

އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިމަޝްރޫއު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވޭނެއެވެ. އަދި އެކި ސަރަހައްދު ތަކުގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.

ދިވެހިރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން އުފުލާ ޑައިރެކްޓް ފްލައިޓްތައް އެ ސަރަޙައްދަށް އޮޕަރޭޓް ކުރެވޭނެ ގޮތެއް ނެތުމާއި އެ ސަރަޙައްދަށް ފަތުރުވެރިން ޒިޔާރަތްކުރުމަށް ކުރަންޖެހޭ ދަތުރު ފަތުރުގެ ޚަރަދު ބޮޑުވުމެވެ.

އެހެންކަމުން، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫޢު ނިމުމުން މި މައްސަލައަށް ޙައްލު ލިބި، ބޮޑުތިލަދުންމަތީގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.

މި މަޝްރޫޢުގެ ސަބަބުން އުތުރުގެ އަތޮޅުތަކުގައި ވިޔަފާރިއާއި ވަޒިފާގެ ފުރުޞަތުތައް ވެސް އިތުރުވެގެންދާނެއެވެ.

މި ވައިގެ ބަނދަރު މެދުވެރިކޮށް ސީދާ އުތުރަށް މުދާ އެތެރެކުރުމަށް ފަސޭހަވެ، އުތުރުގެ ރަށްރަށުގެ ވިޔަފާރިއާއި އިގްތިޞާދަށް އާރޯކަން ލިބިގެންދާނެއެވެ.

އަދި ރާއްޖޭގެ އުތުރުން ދުނިޔޭގެ މައި ޝިޕިންގ ރޫޓްތަކުން ދަތުރުކުރާ ބޮޑެތި އާގުބޯޓުފަހަރުތަކަށް ޚިދުމަތްތައްދޭ ޒަމާނީ މެރިޓައިމް ހަބެއް ރާއްޖޭގެ އުތުރުގައި ގާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭންތައް ތަންފީޒުކުރުމުގައިވެސް ހަނިމާދޫ އެއަރޕޯޓް ތަރައްޤީވެގެން ދިޔުމަކީ މުހިންމު ކަމެކެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު އެއް މަޝްރޫއެވެ.

މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގްތިޞާދީ މައި ހަބެއް ގާއިމުކޮށް، އެ ސަރަޙައްދުގައި ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދެވޭ މަޝްރޫއެކެވެ. މި މަޝްރޫއުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ފަހުކޮޅުގައި ފެށިގެންދާނެއެވެ. އަދި 2024ގައި މަޝްރޫއު ނިމި އެއަރޕޯޓްގެ ޚިދުމަތް ފެށިގެންދާނެއެވެ.