އިނގިރޭސި ފޮތެއްގައި ދީނާ ޚިލާފު ލިޔުމެއް އޮތް ފޮތަކީ 2014ވަނަ އަހަރު ޗާޕު ކޮށްފައިވާ ފޮތެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

"އިންގްލިޝް އޭޒް އަ ސެކަންޑް ލެންގުއޭޖް" ނަމަކަށް ކިޔާ އެ ފޮތުގައި ޕްލެނެޓެއް ރަމްޒުކޮށްދެނީ ކޮން ކަލާނގެއެއްތޯ ސުވާލުކޮށްފަވާއިރު އެ ސުވާލު ލިޔެފައިވާ އެ ގަނޑުގެ ފޮޓޯ ބައެއް ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންނެވެ.

އެކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ފޮތަކީ 2014ވަނަ އަހަރު ޗާޕު ކޮށްފައިވާ ފޮތެއް ކަމަށާއި އެ ފޮތުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިގެން އެ ފޮތަށް ބަދަލުތައް ގެނެވިފައިވާ ކަމަށެވެ.

ނަމަވެސް ސްޓޮކުގައި ކުރިން ޗާޕު ކޮށްފައިވާ ފޮތްތަކުގެ ގިނަ އަދަދެއް ހުރުމުން އެ ފޮތްތައް ވެސް ސްކޫލުތަކަށް ދަރިވަރުންނަށް ދިނުމަށް ސްކޫލުތަކަށް ފޮނުވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

އަދި އެ ފޮތްތައް ދަރިވަރުންނަށް ދޭއިރު މައްސަލަ ހުރި ބައި އުނި ކުރުމަށް ސްކޫލުތަކަށް އިރުޝާދުދީފައިވާ ކަމަށާއި ބެލެވޭ ގޮތުގައި ދައުރުވަމުން އަންނަނީ ކުރީގެ ފޮތުގެ ފޮޓޯ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން މިހެން ބުނެފަވާއިރު މިދިޔަ އަހަރު ޗާފްކޮށްގެން ސްކޫލްތަކަށް ފޮނުވި އިސްލާމް އަދި ޤުރްއާން ފޮތްތަކުގައި ކުށް ހުރެގެން އެކަން ވަނީ އިސްލާހްކޮށްފައެވެ.

އެ މައްސަލަ ފެންމަތިވުމުން އެންމެ މުހިންމުކަމެއްގެ ގޮތުން، ދަރިވަރުންގެ އަތުން ފޮތްތައް ނަގައި މައްސަލަތައް ރަނގަޅުކުރުމަށް ހުރިހާ ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން އެންގިއެވެ. އަދި ވަގުތީ ޙައްލެއްގެ ގޮތުން އެސޫރަތްތަކުގެ ޞައްޙަ ކޮޕީއެއް ފޮތްތަކުގައި ތަތްކުރުމަށްވެސް އޭރު މިނިސްޓްރީން އެންގިއެވެ.

މިދިޔަ އަހަރު 4 ފޮތެއްގައި އެފަދަ މައްސަލަ ހުރިކަން ފާހަގަވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ ފޮތްތަކުގައި މައްސަލަތައް ހުރެގެން ވާނޭކަމަކަށް ޤަބޫލު ނުކުރައްވާކަމަށާ، އެކަމުގައި އިހުމާލުވި ފަރާތްތައް ހޯދައި، ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.