ފާހިޝް އަމަލުތަކުގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ފަތުރާ މީހުންނާއިމެދު އެކަށީގެންވާ ފިޔަވަޅު އެޅޭނޭ ގާނޫނެއް އަވަހަށް ތަންފީޒު ކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުތުރުކަން ބޮޑު ފާހިޝް އަމަލުތަކުގެ މަންޒަރުތައް އޮންލައިން މީޑިއާތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ފަތުރާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެނަމަ ރާއްޖޭގެ އިޖްތިމާޢީ އަޚްލާގިއްޔާތު އެއްކޮށް ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމަށެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައިމިވަނީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމާއި ބަދުއަހުލާގީ އަމަލުތައް ހިންގާ ވީޑިއޯތައް ޝޯޝަލް މީޑިޔާގައި އާންމުވަމުންދަނިކޮށެވެ.

އަލަމްގީރް އާއިއެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ މީހުންގެ ތެރޭގައި ސިޔާސީ މައިދާނުގައި ފުންނާބު އުސް ފަރާތްތަކާއި، ރައީސް އައްޔަން ކުރައްވާފައިވާ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން، ތަހުގީގީ އިދާރާތަކުގެ މީހުންވެސް ހިމެނެއެވެ. އެގޮތުން ފުލުހުންނާއި ސިފައިންގެ ތެރޭގައިވެސް މިކަމުގައި ޝާމިލުވާ މީހުން ތިބިކަމުގެ ތުހުމަތުތަކެއް ކުރެވިފައިވެއެވެ.

ރާއްޖޭގައި އޮރިޔާން ކާޑު އުފެއްދުމާއި ގެންގުޅުމާއި އަތުގައި ބެހެއްޓުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން މިހާރު ވެސް އަދަބު ލިބޭ ކުށެކެެވެ.

މިފަހުން މީސްމީޑިއާގައި ދައުރުވަމުންދާ ބަދުއަޚްލާގީ ވީޑިއޯތަކުގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާއިރު، ސައިބަރ ކްރައިމްގެ މައްސަލައެއްގައި ފުލުހުން ވަނީ ދާދިފަހުންވެސް މީހަކު ހައްޔަރުކޮށްފައެވެ.

އެކި ދުވަސްވަރު މަތިން އެކި މީހުންގެ މީސްމީޑިއާ އެކައުންޓްތަކާއި ޒާތީ މުއާމަލާތް ހިމެނޭ އެހެން އެކައުންޓުތައް ހެކްކުރުމަށްފަހު އެކި މީހުންގެ ޒާތީ މައުލޫމާތާއި އެ މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމް އާއި އެހެނިހެން މީސްމީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލައިގައި އެ މީހާގެ މައްޗަށް 11 ދައުވާއެއް ވަނީ އުފުލާފައެވެ.