މާދަމާއަކީ ރާއްޖެއަށް 1 މިލިއަން ވަނަ ފަތުވެރިޔާ އަންނާނެ ކަމަށް ބެލެވޭ ދުވަސް ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭށަން (އެމްއެމްޕީއާރުސީ) އިން ބުނެއެވެ.

މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވަނީ ބައިނަލްއަޤްވަމީ ގޮތުން ކުރިމަތިވި އެކި ގޮންޖެހުންތަކާއެކު ވެސް މި ކާމިޔާބީ ހަޤީޤަތަކަށް ހެދުމުގައި ޝާމިލްވި ހުރިހާ ފަރާތްތަކަށް ތައުރީފު ކުރައްވާ، ޝުކުރު އަދާކުރައްވާފައެވެ.

މިއީ އުފާވެރި މުނާސަބަތެއް، އަޅުގަނޑުމެންނަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް 1 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިއުމާ ގާތަށް މިވަނީ އާދެވިފައި. މިއީސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނާއި، ސްޓޭކްހޯލްޑަރުން ރެ އާއި ދުވާލު ކުރި ބުރަ މަސައްކަތުގެނަތީޖާ. އަޅުގަނޑުމެން މި ކާމިޔާބީ ފާހަގަކުރާއިރު، އަޅުގަނޑުމެންގެ މަސައްކަތް މިހާ ހިސާބުން ނިމުނީކީ ނޫން. ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ދެމިހުރުމަށް،އަދި މި ވާދަވެރި ޒަމާނުގައި މަންޒިލްގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ހިތްވަރާއެކު ކުރިއަށް ގެންދަންޖެހޭ. އެމްއެމްޕީއާރުސީއިން ހުއްޓުމެއްނެތި މިދަނީ ސަނީ ސައިޑް އޮފް ލައިފް ދުނިޔޭގެ ފެންވަރުގައި ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުން
އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު މުޙައްމަދު

މިއަހަރުގެ ކުރީކޮޅު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މިއަހަރު ރާއްޖެ އިން 1.6 މިލިއަން ފަތުރުވެރިންނަށް މަރުޙަބާކިއުމަށް ލަނޑުދަނޑި ކަޑައަޅާފައިވާކަން އިއުލާން ކުރައްވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮވިޑް-19ގެ ކުރިން 2019 ވަނަ އަހަރުގެ 31 ޖުލައި މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 990،791 ފަތުރުވެރިންނެވެ.

އެއަށްފަހު އައި ދެ އަހަރު މިއަދަދު ބޮޑުތަނުން ދަށްވި ނަމަވެސް މިއަހަރު އަނެއްކާވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ މައްޗަށް އަރަމުންނެވެ. އެގޮތުން މިމަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް 960،075 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ވަނީ 22 މާކެޓެއްގައި 260 ހަރަކާތެއް ހިންގާފައެވެ. އެގޮތުން ވެބިނާތަކާއި، ފެމިލިއަރައިޒޭޝަން ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯ ދަތުރުތަކާއި، އެތަކެއް މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.

ފޯޓޯ އެމްއެމްޕީއާރުސީ

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، "ވޯލްޑް ޓްރެވަލް އެވޯރޑްސް" އަދި "'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން" ގެ ލަގަބު ޖެހިޖެހިގެންދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެ އިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.