ވޭތުވެ ދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އަރުދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު ވަނީ މައްޗަށް އަރާފަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަހަރު ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތާ ގުޅޭގޮތުން އެޗްޕީއޭއިން ނެރިފައިވާ ރިޕޯޓަށް ބަލާއިރު ޑެންގީ ހުމާއި، އަރިދަފުސް ރޯގާއާއި، ބޭރަށް ހިންގުން އިތުރުކަން ފާހަގަކޮށްފައިވާއިރު މީގެތެރެއިން އެންމެ ގިނައީ އަރިދަފުސްރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ ކޭސްތަކެވެ.

އެގޮތުން، މިއަހަރުގެ ޖޫން މަހަށް ބަލާއިރު އަރިދަފުސްރޯގާގެ 21،202 ކޭސް ރިޕޯޓްކޮށްފައި ވާއިރު މިދިޔަމަހުގައި މި އަދަދު ވަނީ 27،553އަށް މަތިވެފައެވެ.

ނަމަވެސް، ވޭތުވެދިޔަ ޖޫން މަހާ މިދިޔަ ޖުލައިމަހާ އަޅާ ބަލާއިރު ޖޫން މަހު އިންފްލުއެންޒާގެ ޢަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު ޢަދަދު ދަށްވެފައިވާއިރު، ޓެސްޓް ކުރެވުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި އަދަދު ވަނީ އިތުރުވެފައެވެ.

ވޭތުވެ ދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ބޭރަށްހިންގުން ޖެހިގެން ރިޕޯރޓް ކޮށްފައިވާ އަދަދުވެސް ވަނީ އިތުރުވެފައެވެ.

މީގެއިތުރުން ވޭތުވެ ދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީހުން ޖެހިގެން ރިޕޯރޓް ކޮށްފައިވާ އަދަދުވެސް ވަނީ އިތުރު ވެފައެވެ. ވޭތުވެދިޔަ ޖޫން މަަހަށް ބަލާއިރު ޑެންގީ ޖެހުނު މީހުންގެ އަދަދު 294އަށް އަރާފައިވާއިރު، މިދިޔަ ޖުލައި މަހު ވަނީ 322އަށް އަރާފައެވެ.

ޖުލައި މަހު ވައިރަލް ހުން އިތުރުވެފައިވީ ނަމަވެސް ފާނަ ބަސަންދު އަދި ލޮލުރޯގާ ފަދަ ބަލިތައް އާއްމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރު ވެފައެއް ނުވާކަން އެޗްޕީއޭ އިން ފާހަގަކުރެއެވެ.