މިމަހުގެ 6 ވަނަ ދުވަހުގެރޭ ދަންވަރު މާލޭގައި ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު، ޕޯސްޓު މޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.

މިކަން ހާމަކޮށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޕޯސްޓު މޯޓަމް ހެދުމަށް ޝިއާއުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ޝިއާއު މަރާލިކަމުގެ ތުހުމަތުގައި ކްރައިމް ސީން އިން ފުލުހުން ވަނީ ޒުވާނަކު ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާޙިލްއެވެ. ޝިއާއު މަރާލާފައި އޮއްވާ ފެނިފައިވަނީ ޝާހިލް ދިރިއުޅޭ އެޕާޓްމަންޓުންނެވެ.

ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވާއިރު، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުން ވަނީ ސިއްރުކޮށްފައެވެ. ޝާހިލުގެ ބަންދާ ގުޅޭ ގޮތުން ގޮތެއް ނިންމަން އޮތް އަޑުއެހުން ސިއްރުކުރަން ގާޟީ ނިންމަވާފައިވާ ކަމަށާއި، ގާޟީ އެފަދައިން ނިންމަވާފައިވަނީ ފުލުހުންގެ އެދުމުގެ މަތީން ކަމަށެވެ.

ޝިއާއު މަރާލާފައިވަނީ ވަރަށް އިހާނެތިކޮށް ނަމަވެސް، އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ ޝިއާގެ އައިލާއިން އެގޮތަށް އެދިފައިވާ ކަމަށާއި، އާއިލާގެ އެދުމަށް އިހްތިރާމް ކުރުމުގެ ގޮތުން އެ މައުލޫމާތު ހާމަކުރުމަށް ގަސްތު ނުކުރާ ކަމަށެވެ.

އެހެންނަމަވެސް ޝިއާއުގެ އާއިލާގެ ބައެއް މެމްބަރުންނާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ޝިއާއުގެ ހަށިގަނޑު އޮތީ ކަރާއި، ފައިގެ ކަކުލުހުޅާއި، އަތުގެ އުޅަނބޮއްޓާ ހަމައިން ބުރިކޮށްލާފައެވެ. ފުލުހުންވެސް ވަނީ ޝިއާއުއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ.