އިންސާނުންނަށް ބަލިޖައްސާ އައު ވައިރަސްއެއް އަނެއްކާވެސް ޗައިނާއިން ފެނިއްޖެ ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ.

ޗައިނާގެ 35 މީހެއްގެ ގައިން މި ވައިރަސް ފެނިފައިވާ ކަމަށް، ޗައިނާ، ސިންގަޕޫރު އަދި ނިއުޒީލެންޑްގެ ސައިންސްވެރިންގެ ޓީމަކުން ހޯދި ހޯދުންތަކުންވަނީ ދައްކާފައެވެ.

މިއީ، ޖަނަވާރުންގެ ކިބައިން އިންސާނުންގެ ގަޔަށް ވާސިލްވާ ވައިރަސްއެއް ކަމަށް ސައިންސްވެރިންގެ ޓީމުން ލަފާކޮށްފައި ވެއެވެ.

މި ވައިރަސްއަށް ދީފައިވާ ނަމަކީ "ލަންޔާ ހެނިޕަވައިރަސް – ލޭ5" އެވެ. މިއީ، އިންސާނުންގެ ފުރާނައަށް ނުރައްކާކުރާ ޖީނަސް ހެނިޕަވައިރަސް އާއިލާގެ ވައިރަސްއެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

މި ވައިރަސްގެ ސަބަބުން ބަލިޖެހޭ މީހުންގެ ފަރާތުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ވަރުބަލިވުމާއި، ކެއްސުމާއި، ބޮލުގައި ރިއްސުމާއި، މޭނުބައިކުރުމާއި، ހޮޑުލުމާއި، ގައިގައި ރިއްސުމާއި، ކާހިތްނުވުންފަދަ ކަންކަން ހިމެނޭ ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.

މި ވައިރަސް އެންމެ ފުރަތަމަ ފެނުނީ، ބަލިވެގެން ޓެސްޓްކުރި މީހެއްގެ ކަރުތެރެއިން ނެގި ސާމްޕަލްއަކުންނެވެ.

އޭގެފަހުން ސައިންސްވެރިން ހިންގި ތަހްގީގުން، މި ވައިރަސް ޗައިނާގެ އިރުމަތީގެ ޝަންޑޮންގް އަދި ހެނާން ޕްރޮވިންސްގެ 35 މީހެއްގެ ގައިން ފެނިފައިވާ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. ވައިރަސް ފެނުނު ގިނަމީހުންނަކީ ދަނޑުވެރިން ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.

އެހެންވެ، ދަނޑުބިންތަކުގައި އުޅޭ ކުދި ޖަނަވާރުތަކާބެހޭ ސާރވޭއެއް ރިސާޗަރުން ހެދިއިރު "ޝްރޫޒް" ނުވަތަ ހިކަނދި އާއިލާގެ ކުޑަ ޖަނަވާރެއްގެ ގައިންވެސް "ލަންޔާ ހެނިޕަވައިރަސް" ފެނިފައިވެއެވެ. އެއީ، ތުންދިގު އަދި ލޯ ވަރަށް ކުޑަކޮށް ހުންނަ ވައްތަރެކެވެ.

މީގެއިތުރުން، ޓެސްޓްހެދި ސާމްޕަލްތަކުން، ކުއްތާގެ 5 އިންސައްތަ އަދި ބަކަރީގެ 2 އިންސައްތަ ސާމްޕަލް "ލަންޔާ ހެނިޕަވައިރަސް" އަށް ޕޮޒިޓިވްވެފައި ވެއެވެ.

މިވައިރަސް، އެއް އިންސާނުގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް އަރާކަމުގެ އެއްވެސް ހެއްކެއް އަދި ނެތްކަމަށް، ރިސާޗަރުން ބުނެފައި ވެއެވެ.

"ވައިރަސްގެ ސަބަބުން ބަލިޖެހުނު މީހުންނަކީ އެއްވެސް ކަހަލަ ގާތް ގުޅުންތަކެއް ނުވަތަ މުއާލަމާތެއް ކުރެވުނު ބައެއްނޫން. އޭގެން ދޭހަކޮށްދެނީ، އިންސާނުގެ މެދުގައި މިބަލި ފެތުރެނީ ވަކި ގޮތަކުންކަން"
ރިސާޗަރުން

އިނގިރޭސިވިލާތުގެ ގާޑިއަން ނޫހުން ބުނެފައިވަނީ، ޗައިނާގެ ޝަންޑޮންގް އަދި ހެނާން ޕްރޮވިންސުން "ލަންޔާ ހެނިޕަވައިރަސް" އެންމެ ފުރަތަމަ ފެނުނީ 2018 ވަނަ އަހަރު ކަމަށެވެ. ނަމަވެސް، މިއީ ކޮން ވައިރަސްއެއްކަން ރަސްމީކޮށް ދެނެގަނެ، ސައިންވެސް އެކަން ހާމަކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ.

ޗައިނާ ސަރުކާރުގެ ގްލޯބަލް ޓައިމްސްއިން ބުނެފައިވަނީ "ލަންޔާ ހެނިޕަވައިރަސް" ގެ ސަބަބުން ބަލި ޖެހުނު މީހުންނަށް އަދި މިހާތަނަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާ ކަމަށާއި، ބަލީގެ ހާލަތު ސީރިއަސްވެސް ނުވާ ކަމަށެވެ.

ޖަނަވާރުންގެ ކިބައިން އިންސާނުންނަށް ބަލިޖައްސާ "ލަންޔާ ހެނިޕަވައިރަސް" މިފެނުނީ، ޖަނަވާރުންގެ ޒަރީއާއިން އިންސާނުންގެ މެދުގައި ކޮވިޑްބަލި ޖައްސާ ވައިރަސް ދުނިޔެއިން ފެނުނުތާ ތިންއަހަރުވެސް ނުވަނީހެވެ.