އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބު މިއަދު ހަވީރު ބައްދަލުކުރަން އޮތް މެޗު ފަސްކޮށްފިއެވެ.

މެޗު ފަސްކުރީ މޫސުން ގޯސްވެ ވިއްސާރަ ވުމުގެ ސަބަބުން އަދި ވިއްސާރައިގެ ސަބަބުން ގަލޮޅު ދަނޑުގެ ޕިޗު، މެޗު ކުޅެވޭނެ ހާލަތެއްގައި ނެތުމުންނެވެ.

މިއަދު ހަވީރު ކުޅެން އޮތް މިމެޗު ފަސްކުރިއިރު މިއީ މި މެޗު ފަސްކުރި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ މެޗު ކުޅެން އެފްއޭއެމް އިން ތާވަލުކުރީ މިމަހުގެ 1 ވަނަ ދުވަހުއެވެ، ޓާފް 1 ގައި ކުޅެން އޮތް މިމެޗު ފަސްކުރީވެސް ވިއްސާރަވުމުގެ ސަބަބުން މެޗު ކުޅެވޭނެ ހާލަތެއް ދަނޑުގައި ނެތުމުންނާއި ކަނޑުގަދަވުމުގެ ސަބަބުން މަހިބަދޫ ޓީމަށް މާލެ ދަތުރުކުރެވެން ނެތުމުންނެވެ.

މަހިބަދޫ އަށް މިއީ މުބާރާތުގައި ކުޅޭ ފަހުމެޗުކަން ކަށަވަރުވެފައިވާއިރު، އެޓީމާ ދެކޮޅަށް ނިއުއިން ނުކުންނާނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރުމަށެވެ. ނިއު އަށް މިމެޗު އެއްވަރު ކޮށްލައިގެންވެސް ސެމީގެ ޖާގައެއް ކަށަވަރުވާނެއެވެ.

ނިއު އާއި މަހިބަދޫ ނޫން އެހެން ހުރިހާ ޓީމަކުން ވަނީ ހުރިހާ މެޗެއް ފުރިހަމަކޮށްފައެވެ. މިހާރު އޮތްގޮތުން ޕޮއިންޓު ތާވަލުގެ އެއްވަނައިގައި ކްލަބް ޓީނޭޖް އޮތީ ކުޅުނު 6 މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކޮށް 13 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ އެލްޓީ ސްޕޯޓްސް ކުލަބެވެ. އެލްޓީ އަށްވެސް 6 މެޗުން 13 ޕޮއިންޓު ލިބިފައިވެއެވެ. އެލްޓީގެ މައްޗަށް ޓީނޭޖަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ތާވަލުގެ ތިންވަނައިގައި މިވަގުތު ނިއު އޮތީ ކުޅުނު 5 މެޗުގެ ތެރެއިން 4 މެޗު ކާމިޔާބު ކޮށްގެންނެވެ. މަހިބަދޫ އާއި އެއްވަރު ކޮށްލައިގެން ޖުމްލަ 13 ޕޮއިންޓާއެކު ފައިދާ ގޯލުން ކުރި ލިބިގެން ނިއު ސެމީ އަށް ދަތުރުކުރާނީ މި ގުރޫޕުގެ ދެވަނައިގެ ގޮތުގައެވެ. މެޗު ކާމިޔާބު ކޮށްލައިގެން ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިއުމުގެ ފުރުސަތު ނިއުއަށް އެބައޮތެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މައުލޫމާތުދޭ ގޮތުގައި ނިއު އާއި މަހިބަދޫގެ މެޗު މިރޭ 10 ޖަހާއިރު ކުޅެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. މިމެޗު ކުޅޭނީ މޫސުން ތަންދީފި ނަމައެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅޭނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. ގުރޫޕު އޭ އިން މުބާރާތުގެ ސެމީގެ ޖާގަ ހޯދާފައިވަނީ އެއްވަނަ ޓީމުގެ ގޮތުގައި ބުރު ސްޕޯޓްސް ކުލަބެވެ. ދެވަނައިގެ ގޮތުގައި ސެމީގެ ޖާގަ ހޯދީ ކުޑަ ހެެންވޭރު ޔުނައިޓެޑެވެ.

ސެމީގެ ފުރަތަމަ މެޗުގައި 14 ވަނަ ދުވަހުގެ ހަވީރު ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކުލަބާއި ދެވަނަ ގުރޫޕުގެ ދެވަނަ ހޯދާ ޓީމެކެވެ. އަދި އެރޭ ބައްދަލުކުރާނީ ދެވަނަ ގުރޫޕުގެ އެއްވަނަ ޓީމާއި ކުޑަ ހެންވޭރު ޔުނައިޓެޑެވެ.