މީސްމީޑިއާގައި ދައުރުވަމުންދާ ބަދުއަޚުލާގީ އަމަލުތަކެއް ދައްކުވައިދޭ ވީޑިއޯ އާންމުކުރުން އިތުރުވުމާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެވީޑިއޯތައް އާންމުކުރުމަކީ ޖިނާއީ ކުށެއް ކަމަށާއި، ކުށްކުރިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށް ބުނެ އެކ އެކި މީހުންގެ ވަނަވަރު އާންމުކޯށް މީސްމީޑިއާގައި ދައުރުކުރުމަކީ ބައެއްގެ އަބުރާއި ކަރާމާތައް އަރައިގަތުމުގެ އަމަލުތަކެއް ކަމަށްވުމުން، އެކަމާމެދު އެޗްއާރްސީއެމުން ވަރަށް ކަންބޮޑުވާ ކަމަށެވެ.

އެފަދަ އަމަލުތަކުގެ ސަބަބުން އަދުލު އިންސާފު ގާއިމްކުރުމުގައިވެސް ހުރަސްތަކަކާ ކުރިމަތިވެދާނެކަން ފާހަގަކޮށް އެކޮމިޝަނުން ބުނީ، މިފަދަ ކަންކަމުގެ ސަބަބުން އާއިލާތަކާއި މުޖުތަމައުގެ މެދުގައި ހަމަނުޖެހުމާއި، ފިތުނަފަސާދަ އުފެދި އާއިލާތައް ރޫޅިދިއުމުގެ ބިރު ވަރަށް ބޮޑަށް އުފެދޭ ކަމަށެވެ.

މީގެއިތުރުން، ކުޑަކުދިންނާއި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުން ރައްކާތެރި ކުރުމަކީ އެންމެންގެ ޒިންމާއަކަށް ވީހިނދު އެފަދަ ވީޑިއޯތައް އާންމުކުރާ މީސްމީޑިއާގެ ޕްލެޓްފޯމްތަކަކީ ކުޑަކުދިންވެސް ބޭނުންކުރާ ޑިޖިޓަލް ޕްލެޓްފޯމްތަކެއް ކަމަށް ވުމުން، އުމުރާ އެކަށީގެންނުވާ އަދި ފާހިޝް އަމަލުތައް ދައްކުވައިދޭ މަންޒަރުތަކަށް ކުޑަކުދިންނާ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތައް ހުށަހެޅެމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެއެވެ.

އެހެންކަމުން މިއީ ރައްކާތެރިކަމާއެކު ހެދިބޮޑުވުމުގެ ހައްގަށް ހުރަސްއެޅިގެންދާ ކަމެއް ކަމުގައި އެކޮމިޝަނުން ދެކެއެވެ.

މިފަދަ މައްސަލަތަކާ ގުޅޭގޮތުން ވީޑިއޯ ނުވަތަ މައުލޫމާތެއް ލިބިފައިވާނަމަ އެކަން ތަހުގީގުކުރަން އެކަށައެޅިފައިވާ ނިޒާމުގެ ތެރެއިން އިދާރާތަކަށް އެއްބާރުލުން ދިނުމަށް އެޗްއާރްސީއެމުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ހަމައެއާއެކު މިފަދަ މައްސަލަތަކާ ގުޅިގެން މައްސަލަތައް ބެލުމުގެ އިހްތިސާސް އޮންނަ ތަހްގީގީ އިދާރާތަކާއި މުއައްސަސާތަކުން މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ތަހުގީގުކޮށް އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުއްވުމަކީ މުޅި މުޖުތަމައުގެ ހަމަޖެހުމާށާއި، ހާއްސަ ރައްކާތެރިކަން ބޭނުންވާ މީހުންނަށް އެމީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ނުހަނު މުހިންމުކަމެއް ކަމަށްވާތީ އެގޮތުގެ މަތީޏް އަމަލުކޮށްދިނުމަށް އެންމެހާ އިދާރާތަކަށްވެސް އެކޮމިޝަނުންވަނީ އިލްތިމާސް ކޮށްފައެވެ.