ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އެޕާޓީގެ ކޮންގްރެސްއަށް ހުށަހަޅުއްވައިފިއެވެ.

ރައީސް ނަޝީދު މިގަރާރު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ ތާއީދާއެކުއެވެ. އެގަރާރުގައި ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފައި ވެއެވެ.

އެގޮތުން، ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހަކަށްވުމަށް ގަރާރުގައި ހިމަނާފައިވެއެވެ.

އަދި، ބޮޑުވަޒީރާއި ރައީސްގެ ބާރުތައް ކަނޑައެޅުމަށާއި މަޖިލީހުގެ ދާއިރާތައް ތަމްސީލުވާނެ ގޮތްތަކާއި މަޖިލިސް އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި، ހާއްސަ ކުރެވޭ "ނެޝަނަލިސްޓު ލިސްޓު" ގެ މެމްބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ހިމަނާފައިވެއެވެ.

މީގެއިތުރުން، ވަޒީރުންގެ މަޖިލިސް ކަނޑައަޅާނީ މަޖިލިސް މެންބަރުންގެ ތެރެއިން ކަމަށާއި ސުޕްރީމް ކޯޓަށް ފަސް ފަނޑިޔާރުން އައްޔަން ކުރުމުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމުގެ އިސްލާހު ގެނައުމަށްވެސް ގަރާރުގައި ހިމަނާފައިވެއެވެ.

ރައީސް ނަޝީދު ވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގައި ބަރުލަމާނީ އޮންނަން ފާސްވެއްޖެނަމަ، މި ބަދަލުތައް ގާނޫނުއަސާސީއަށް ގެނައުމަށް ހުށަހަޅުއްވާފައެވެ.

އެމްޑީޕީގެ ކޮންގްރެސް މިމަހުގެ 19 ވަނަ ދުވަހު ފަށާއިރު، ކޮންގްރެސްގައި ޕާޓީގެ 1440 އެއްހާ މަންދޫބުން ބައިވެރިވާނެ ކަމަށް އެޕާޓީން ބުނެފައިވެއެވެ.

ކޮންގްރެސްގައި ޕާޓީތެރޭގެ ގިނަ ނިންމުންތައ ނިންމުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި އެޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވުމަށް ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚެއްވެސް އަދި ކަނޑައަޅާފައެއް ނުވެއެވެ.

އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދި އެޕާޓީވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ.

ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނާއި، ރައީސް އިބްރާހީމް މުހައްމަދު ސާލިހްއަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައިވެސް ވަނީ ކޯޅުން ބޮޑުވެފައެވެ.