ދިވެހި ނޫސްވެރިންނަށް ތަމްރީން ފުރުސަތުތަކެއް ހޯދައިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރާއްޖޭގައި ހުންނަ ޖަޕާންގެ އެމްބަސީގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި މަޝްވަރާ ކޮށްފައިވަނީ ދިވެހި ނޫސްވެރިން ތަމްރީން ކުރުމަށް އެމްއެމްސީން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން، ޖަޕާނުގައި ތައުލީމީ ޚިދުމަތްދޭ ޚިދުމަތްދޭ މުއައްސަސާތައް މެދުވެރިކޮށް ނޫސްވެރިންނަށް ތަމްރީން ފުރުސަތުތަކެއް ހޯދައި ދިނުމަށެވެ.

މި މަޝްވަރާތަކުގައި މީޑިއާ ކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ، ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ހަސަން، މެމްބަރު އަލީ ހުސައިން، މެމްބަރު އިބްރާހީމް ފައުޒީ، އަދި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޑރ. އިބްރާހީމް ސަމީރެވެ.

ޖަޕާން އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެމްބެސެޑަރ އެކްސްޓްރާ އޯޑިނަރީ އެންޑް ޕްލެނިޕޮޓެންޝަރީ، މިސް ޓަކެއިޗީ މިޑޯރީ އަދި ރިސަރޗަރ / އެޑްވައިޒަރ އޯޓާ ޔޮޝޫއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ޖަޕާނަށް ދިވެހި ނޫސްވެރިން ފީލްޑް ޓްރިޕް ފޮނުވުމަށާއި އެމްއީއެކްސްޓީ ސްކޮލަރޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިނަށް ހޯދައިދިނުމާ އަދި ކުރިއަށް އޮތް ދުވަސްތަކުގައި ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ކަމަށް މީޑިއާ ކައުންސިލުން މައުލޫމާތު ދެއެވެ.

އެމްއެމްސީން ބުނީ ދިވެހި ނޫސްވެރިންނަށް ތަމްރީން ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދިވެހިރާއްޖޭގައި ހުންނަވާ ޖަޕާންގެ އެމްބެސެޑަރ ޓަކެއުޗީ މިޑޯރީ މީޑިއާ ކައުންސިލަށް ދެއްވާފައިވާ ކަމަށެވެ.