ކޮވިޑްބަލީގެ ހާލަތު އަނެއްކާވެސް ގޯސްވާން ފެށުމާ ގުޅިގެން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މާސްކްއެޅުން މަޖުބޫރު ކޮށްފިއެވެ.

މިކަން މަޖުބޫރު ކޮށްފައިވަނީ ނިއުދިއްލީގެ ސްޓޭޓް ސަރުކާރުން ނެރުނު އަމުރެއްގައެވެ.

އެ އަމުރުގައި ބުނެފައިވަނީ، މާސްކް ނާޅައި އާންމު ތަންތާނގައި އުޅޭ މީހުން 500 ރުޕީސްއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ޝޮޕިންގމޯލްތަކާއި، މީހުން ގިނައިން އެއްވެއުޅޭ މާރުކޭޓުތައް ފަދަ ތަންތަނުގައި މާސްކް ނާޅައި އުޅުމަކީ މިހާރު އާންމު ކަމެކެވެ.

ކޮވިޑްބަލީގެ ހާލަތު ގޯސްވެ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނިއުދިއްލީން އެކަނިވެސް 2،146 މީހަކަށް އަލަށް ބަލިޖެހި، 8 މީހުން މަރުވެފައި ވެއެވެ. މިއީ، އިންޑިއާގެ އެހެން ސްޓޭޓްތަކުން އަލަށް ބަލިޖެހުނު މީހުންނާއި، މަރުވި މީހުންގެ އަދަދަށް ބަލާއިރު، އަދަދުތައް އެންމެމަތީ ސްޓޭޓެވެ.

ނިއުދިއްލީގައި ކޮވިޑްބަލީގެ ހާލަތު އިތުރަށް ގޯސްވެގެންދިޔައީ، އެ ސްޓޭޓުން އަލަށް ފެނުނު އޮމިކްރޮން ވޭރިއެންޓުގެ ސަބް ވޭރިއެންޓެއްގެ ސަބަބުން ކަމަށް ބެލެވިފައި ވެއެވެ.

މުޅި އިންޑިއާއަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 16،299 މީހުން އަލަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. މިއާއެކު، އިންޑިއާއިން މިހާތަނަށް ކޮވިޑް ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދުވަނީ 44.2 މިލިއަނަށް އަރާފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މުޅި އިންޑިއާއިން ކޮވިޑްބަލީގައި 53 މީހުން މަރުވެ، މިބަލީގައި އެގައުމުން މިހާތަނަށް މަރުވި މީހުންގެ އަދަދުވަނީ 526،879 އަށް އަރާފައެވެ.

މިއީ، ރަސްމީކޮށް ރެކޯޑްކުރެވިފައިވާ އަދަދުތައް ނަމަވެސް، އިންޑިއާއިން ކޮވިޑް ޖެހުނު މީހުންނާއި، ބަލީގައި މަރުވި މީހުންގެ އަދަދު އެތައްގުނަ އިތުރުވާނޭ ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ލަފާކުރެއެވެ.