އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ 35 ވަނަ ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

ނަތީޖާ ފާޅުކުރުމުގެ ޖަލްސާއޮތީ މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މިޖަލްސާ ވީޓީވީން ވަގުތުން ދުރަށް ދައްކާފައި ވެއެވެ.

ވާހަދެއްކުމުގެ ގައުމީ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދަށު ސާނަވީ ގިންތިއާއި ސާނަވީ ގިންތިއާއި މަތީ ސާނަވީ ގިންތި، 18 އަހަރުން މަތީގެ އަމިއްލަ ފަރާތްތައް އަދި އޮފީސް، ކުންފުނި، ކުލަބު، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ހުޅުވާލައިގެންނެވެ.

އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން މަތީގެ އުމުރުފުރާއިން އެއްވަނަ ހާސިލްކޮށްފައިވަނީ އާހިލް އާސިމް އަބްދުﷲ / ގދ. މަޑަވެލިއެވެ. އޮފީސް، ކްލަބް، ޖަމުއިއްޔާ ޖަމާއަތްތަކުގެ ބައިން އެއްވަނަ ބަހުސްކުރުންތެރިޔަކަށް ހޮވިފައިވަނީ އެމްއެމްއޭ ކްލަބްގެ ހައްވާ ރައުފާ އަބްދުއްރަހީމްއެވެ. މިބައިން އެއްވަނަ ޓީމަކަށް ހޮވިފައިވަނީ އެމްއެމްއޭ ކްލަބްއެވެ.

ދަށު ސާނަވީ ގިންތިން އެއްވަނަ ހާސިލްކޮށްފައިވަނީ ޖަމާލުއްދީން ސްކޫލުގެ ދަރިވަރު ފާތިމަތު ސާރާ ނަޒީރެވެ. ސާނަވީ ގިންތިން އެއްވަނަ ހާސިލްކޮށްފައިވަނީ އިސްކަންދަރު ސްކޫލުގެ ދަރިވަރު ޒާރާ އިބްރާހީމެވެ. އަދި، މަތީ ސާނަވީ ގިންތިން އެއްވަނަ ހާސިލްކޮށްފައިވަނީ އިހަވަންދޫ ސްކޫލުގެ ދަރިވަރު އައިޝަތު އަފާ އަޝްރަފެވެ.

ދަށު ސާނަވީ ގިންތިން އެއްވަނަ ސްކޫލަކަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލެވެ. ސާނަވީ ގިންތިންވެސް އެއްވަނައަށް ހޮވިފައިވަނީ ޖަމާލުއްދީން ސްކޫލެވެ.

ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހި ބަހުގެ އެކަޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވީ، އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގެންނެވީ މުބާރާތުގައި ވާދަކުރުމަށް ދަރިވަރުން ފާޅުކުރި ޝައުގުވެރިކަން ކަމަށެވެ.

ދަރިވަރުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވާ އަޝްރަފް ވަނީ މުބާރާތުގައި ވާދަކުރުމަށްޓަކައި ދުރު ރަށްރަށުން ދަރިވަރުން ގޮވައިގެން ދަތުރުކޮށް މާލެ އައި ބެލެނިވެރިންނަށް ޝުކުރުއަދާ ކުރައްވާފައެވެ.

އަޝްރަފް ވިދާޅުވީ އެކަމުން ހާމަވެގެންދަނީ މުބާރާތުގައި ވާދަކުރުމަށް ކުދީންގެ މެދުގައި ޝައުގުވެރިކަން އުފެދިފައިވާ މިންވަރު ކަމަށެވެ.

މުބާރާތުގެ ބައިވެރިން ވާހަކަދެއްކި ދާއިރާތަކަށް ބަލާއިރު ދަށު ސާނަވީ އުމުރުފުރާގެ ބަޔަށް ހާއްސަކޮށްފައިވަނީ ދިވެހިބަހާއި އަދަބިއްޔާތު، ގައުމީ ލޯބި، ތާރީހާއި ތަރިކަ، ރާއްޖެ، މި 4 ދާއިރާއިން ގުޅުން ހުރި މައުޟޫއުތަކެވެ.

ސާނަވީ އުމުރުފުރާއާއި އަމިއްލަ ފަރާތްތަކުގެ ބައިން 18 އަހަރުން ދަށުގެ އުމުރުފުރާގެ ބަޔަށް ހާއްސަކޮށްފައިވަނީ ދިވެހިބަހާއި އަދަބިއްޔާތު، ތާރީހާއި ތަރިކަ، އިގްތިސާދު، އަދި އިޖްތިމާއީ ވެއްޓާގުޅުންހުރި މައުޟޫތަކެވެ.

މީގެއިތުރުން، މަތީ ސާނަވީ އުމުރުފުރާއާއި، އަމިއްލަ ފަރާތްތަކުގެ ބައިގައި ހިމެނޭ 18 އަހަރުން މަތީގެ އުމުރުފުރާއަށް ވާހަކަދެއްކުމަށް ކަނޑައެޅީ ދިވެހިބަހާއި އަދަބިއްޔާތާއި، ބަވަނަވުން، ތާރީހާއި ތަރިކަ އަދި އަދުގެ ދުނިޔެ، މިދާއިރާތަކާއި ގުޅުންހުރި މައުޟޫއުތަކެވެ.

ވާހަކަދެއްކުމުގެ 35 ވަނަ ގައުމީ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވީމީޑިއާއެވެ. މިމުބާރާތުގެ ހުރިހާ ދަންފަޅިއެއް ވަނީ ވީޓީވީން ގެނެސްދީފައެވެ.

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫނާއި ދިވެހި ބަހަށް ޚިދުމަތް ކުރައްވާ ބަސް ކުރިއެރުވުމުގައި މަސައްކަތް ކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.