އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، އިމާދުއްދީން ސްކޫލުގައި ގާއިމްކުރި "ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި" އިފްތިތާހް ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ އެކިދާއިރާތަކުން މީހުން ބިނާކުރުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އޭގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.

އަދި، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތަކީ، މިސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި، އެހެންކަމުން ދަރިވަރުންނަށް ފަންނާއި ހުނަރުތައް ދަސްކޮށްދިނުމަށް މަރުކަޒުތަކާއި ވަސީލަތްތައް ގާއިމްކުރުމާއި ހަމައިން ނިންމާނުލައި މީހުން ބިނާކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

އެގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުގެ ތެރެއިން، ތެރަޕިއުޓިކް ފަރުވާތައް ހިލޭ ފޯރުކޮށްދޭން ފެށިފައިވާ ކަމަށާއި އެދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް ކުރެވި އޭގެ ނަތީޖާ ފެންނަމުންދާ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އެމަނިކުފާނު ވިދާޅުވީ ހދ. ކުޅުދުއްފުށީގައި ވަރަށް އަވަހަށް އެފަދަ ޚިދުމަތްތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިރަސްމިއްޔާތުގައި ނައިބް ރައީސް ފައިސަލް ވަނީ "ފަންނުވެށި" ގައި ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތައުލީމާއި ތަމްރީނު ދިނުމަށްޓަކައި ގާއިމުކުރާ ހަބް ސްކޫލްތަކުގެ ތެރެއިން، އިމާދުއްދީން ސްކޫލުގައި ގާއިމްކުރި "ހުނަރާއި އީޖާދުގެ މަރުކަޒު – ފަންނުވެށި" އަކީ ދިވެހިރާއްޖޭގެ ތައުލީމުގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ހުރިހާ ކުދިން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ވޮކޭޝަނަލް އެޑިއުކޭޝަން ފޯރުކޮށްދިނުމަށް ތަރައްގީކޮށްފައިވާ މަރުކަޒެކެވެ.

ފަންނުވެށީގައި ދަރިވަރުންނަށް މައިގަނޑު ހަތަރު ޕްރޮގްރާމެއް ހިންގުމަށް ރާވާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ، ކެއްކުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ކައްކާވަތި، ބިއުޓީ ތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ނަލަވަތި، ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ޓެކްވަތި، އަދި ފެހުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ ފަހާވަތި ޕްރޮގްރާމެވެ.

ފަންނުވެށިން ދަސްވެނިވާ ދަރިވަރުންނަކީ، ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓްފިކެޓް ލެވަލް 3 ގެ ސަނަދާއިއެކު ދަސްވެނިވާނެ ދަރިވަރުންނަށް ވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

އިމާދުއްދީން ސްކޫލަކީ، 2004 ވަނަ އަހަރުން ފެށިގެން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަ ކުލާސްތަކެއް ހިންގަމުން އަންނަ ސްކޫލެކެވެ.