ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ށ. މާއުނގޫދޫގެ ބައެއް މަގު ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށްފިއެވެ.

ބީއެމްއެލުން ބުނީ، މި ޕްރޮޖެކްޓް ހިންގާފައިވާ ސޮސައިޓީ ފޯ މާއުނގޫދޫ ޔޫތު ލިންކޭޖްގެ ފަރާތުން ވަނީ މާއުނގޫދޫގެ މީހުން އާބާދުވަމުންދާ ސަރަހައްދުގެ އިތުރުން އެހެން މަގުތަކުގައި ވެސް 25 ބައްތި ހަރުކޮއްފައި ކަމަށެވެ.

މި ޕްރޮޖެކްޓާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޖަމިއްޔާގެ ފަރާތުން މުހައްމަދު ޒާހިރު ވިދާޅުވީ، މީގެ ކުރިން މި މަގުތަކުގައި އަލިކަމެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކާއި ކުރިމަތިވާ ކަމަށާ، މި ޕްރޮޖެކްޓާއެކު ރައްޔިތުންނަށް މިރަށުގެ މަގުތަކަކީ އަމާން ތަނަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އަދި ސޯލާ މަގުބައްތި ހަރުކުރުމުގެ ސަބަބުން އިޔާދަ ނުކުރެވޭ ހަކަތައަށް ކުރާ ހޭދަ ކުޑަވެ، ތިމާވެއްޓާއި ރަށްޓެހި މުޖުތަމައަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތަށް އިތުރުކުރިއެރުމެއް ލިބިގެންދާނެ ކަމައްވެސް ވިދާޅުވެއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރި ފަންޑެކެވެ.

މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 70 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ. ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރު އިތުރު 10 ޕްރޮޖެކްޓް އަށް އެހީތެރިކަން ފޯރިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.