ވަކި މީހަކަށްޓަކައި ޤާނޫނުއަސާސީ އިސްލާޙުކުރަން ދެކޮޅުކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު އެޕާޓީގެ ކޮންގްރެސްއަށް ވަނީ ހުށަހަޅުއްވާފައެވެ.
އެގޮތުން، ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހަކަށްވުމަށް ގަރާރުގައި ހިމަނާފައިވެއެވެ. ރައީސް ނަޝީދު ވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގައި ބަރުލަމާނީ އޮންނަން ފާސްވެއްޖެނަމަ، މި ބަދަލުތައް ގާނޫނުއަސާސީއަށް ގެނައުމަށް ހުށަހަޅުއްވާފައެވެ.
މިކަމާއި ގުޅިގެން އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޯލިޝަން ހަދަނީ ރައްޔިތުން ބުނެގެނެއް ނޫންކަމަށެވެ. ވަކި މީހަކަށް 50 އިންސަތައަށް ވުރެ އިތުރަށް އެއްބުރުން ވޯޓު ނުލިބުމަކީ ޤާނޫނު އަސާސީ އިސްލާޙު ކުރަންޖެހޭ ސަބަބެއް ނޫންކަމަށްވެސް މެމްބަރު ވަނީ ވިދާޅުވެފައެވެ.
ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ވަނީ މީގެކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން އަންގަވާފައެވެ. ވެރިކަމުގެ ނިޒާމު ބަދަލުކުރާ ވާހަކަ ފެށުނީ އެ މެޖެސާއެކުއެވެ.
ރައީސް ނަޝީދުގެ މެސެޖުގައި ބައެއް ހުށަހެޅުއްވުންތައްވެސް ރައީސް ސޯލިހަށް ހުށަހަޅުއްވާފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނުބޭއްވުމަށް އެމަނިކުފާނު ހުށަހެޅުއްވި އެވެ. އަދި އަންނަ އަހަރު ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ހުށަހަޅުއްވާފައި ވެއެވެ. އެއަށްފަހު ސަރުކާރު އުވާލެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހާ ބެހޭ ގޮތުން އިތުރު ހުށަހެޅުއްވުންތައްވެސް ރައީސް ނަޝީދުގެ މެސެޖުގައި ހުށަހަޅުއްވާފައި ވެއެވެ.
ރައީސް ސޯލިހާއި ހަވާލާދެއްވައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް އޭރު ވިދާޅުވެފައިވަނީ ރާއްޖޭގައި އަމަލުކުރެވެމުންދާ ނިޒާމަކީ ރައްޔިތުންގެ ވޯޓުން ކަނޑައެޅި އަމަލުކުރެވެމުން އަންނަ ނިޒާމެއްކަމަށާއި، ނިޒާމަށް ބަދަލުގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.