ސިންގަޕޫރުގައި ކުރިއަށްދާ "ނަޓާސް ހޮލިޑޭސް 2022" ފެއަރގައި ރާއްޖެ އިޝްތިހާރު ކުރަމުންދާ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެއެވެ.

އެމްއެމްޕާއާރުސީން ބުނީ "އޯލް ތިންގްސް މޯލްޑިވްސް" ގެ ނަމުގައި މިފެއަރގައި ރާއްޖެގެ ޕްރޮޑަކްޓްތަށް އިޝްތިހާރު ކުރުމުގެ މަސައްކަތް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 14 ވަހަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެހެންކަމުން، މިފެއަރގައި ހިންގާ ހަރަކާތްތައް އަމާޒުކޮށްފައިވަނީ ދެކުނުއިރުމަތީ އޭޝިއާ މާކެޓް އަދި ހާއްސަކޮށް ސިންގަޕޫރުގައި ރާއްޖޭގެ ބްރޭންޑް އިތުރަށް ތަމްސީލް ކުރުމަޓަކައެވެ.

1987 ވަނަ އަހަރު ފެށިގެން ބާއްވަމުންދާ ނަޓާސް ޓްރެވަލް ފެއަރއަކީ ފަތުރުވެރިކަމުގެ އެކި މަންޒިލްތަކުގެ ޕްރޮޑަކްޓްތަކާއި ދަތުރުފަތުރުގެ ޑީލްތައް މާކެޓުކުރުމަށް ފުރުސަތު ދިނުމަށް އަހަރަކު ދެ ފަހަރު ބާއްވާ ފެއަރއެކެވެ.

މިދިޔަ އަހަރުތަކުގައި ނާޓާސްއިން ފެއާއަށް ވަނީ ޖުމްލަ 2.4 މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައެވެ. މިއީ ސިންގަޕޫރުގެ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު އެއް ޓްރެވަލް ފެއަރއެވެ.

އެވަރެޖްކޮށް އެއްލައްކަ އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރާ މި ފެއަރގައި އައުޓްބައުންޑް ޓްރެވަލް އޭޖެންޓުންނާއި ގައުމީ ފަތުރުވެރިކަމުގެ ޖަމިއްޔާތަކާއި އެއަރލައިންތަކާއި ހޮޓަލްތަކުގެ އިތުރުން ދަތުރުފަތުރާ ގުޅުން ހުރި އެހެނިހެން ހިދުމަތްތައް ފޯރުކޮއްދޭ ފަރާތްތަކަށް އެއްތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ލިބެއެވެ.

އެމްއެމްޕީއާރުސީއާއެކު މި ފެއަރގައި ރާއްޖޭގެ 12 ކުންފުންޏަކުން 23 ފަރާތެއް ބައިވެރިވަމުން ދެއެވެ.

މި ފެއަރގައި އެމްއެމްޕީއާރުސީއިން ބައިވެރިވަމުން މިދަނީ ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ތަފާތުކަމާއި ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް ކަމަށްވާ ރިސޯޓް، ހޮޓަލް، ގެސްޓްހައުސް އަދި ލިވަބޯޑްތައް މާކެޓްކޮށް ފަތުރުވެރިކަމުގެ އެކި ސެގްމަންޓްތަކާއި ތަފާތު ތަޖުރިބާތައް ޕްރޮމޯޓްކުރުމަށް ޓަކައެވެ.

މި ފެއާގެ ޒަރިއްޔާއިން ރާއްޖެ އަކީ ދެކުނުއިރުމަތީ އޭޝިއާގެ، ހާއްސަކޮށް ސިންގަޕޫރުގެ ފަތުރުވެރިންނަށް ފަސޭހައިން ދަތުރުކުރެވޭ ކައިރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރެވޭނެއެވެ.

މި ފެއަރއާ ދިމާކޮށް ސިންގަޕޫރުގައި ރާއްޖެ އިޝްތިހާރުކުރުމަށް އައުޓްޑޯ އެޑްވަޓައިޒިންގ ކެމްޕޭނެއް ވެސް އެމްއެމްޕީއާރުސީއިން ދަނީ ހިންގަމުންނެވެ. މި ކެމްޕެއިންގެ ދަށުން ސިންގަޕޫރުގެ ފާހަގަކޮށްލެވޭ ސަރަޙައްދުތަކުގައި ޑެސްޓިނޭޝަން ވީޑިއޯ ދައްކާ އިޝްތިހާރު ކުރަމުން ދެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދެކުނުއިރުމަތީ އޭޝިއާ މާކެޓުން ރާއްޖެއަށް 18،489 ފަތުރުވެރިން ވަނީ ދަތުރުކޮށްފައެވެ.

އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ވަނީ 22 މާކެޓެއްގައި 260 ހަރަކާތެއް ހިންގާފައެވެ. އެގޮތުން ވެބިނާތަކާއި، ފެމިލިއަރައިޒޭޝަން ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯ ދަތުރުތަކާއި، އެތަކެއް މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.