މުދަރިއްސުންނަކީ ދުނިޔެއާއި އާހިރަތުގެ ހެޔޮ މަގަށް މަގު ދައްކާ ބައެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުތުބާ ހާއްސަކޮށްފައިވަނީ، "އުނގެނުމުގެ މުހިންމުކަން" މި މައުޟޫއަށެވެ.
ހުތުބާގައި ވަނީ، މި ފެށުނު އައު ދިރާސީ އަހަރު، ދީނީ ރޮނގުންނާއި، އިލްމީ ރޮނގުން، އިތުރު ކުރިއެރުމާއި، ތަރައްގީ ހޯދޭތޯ މަސައްކަތްކުރުމަށް އަޒުމު ކަނޑައެޅުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެފައެެވެ. އަދި އިތުރު ހަރަކާތްތަކުން މުޅި މާހައުލަށް ދިރުން ގެނެސްދިނުމަށާއި، އަމަލީ މައިދާނަށް ނިކުތުމަށްވެސް ދަރިވަރުންނަށް ނަސޭހަތްތެރިވެފައިވެއެވެ.
ފޮނި ނަތީޖާ ނެރެވޭނީ، ހުރިހާ ކަމެއްގައި މަދްރަސާއާ އެކު އެއްބާރުލުން ދީ، މަދަރުސާގެ ގަވައިދުތަކަށް ބޯލަނބައިގެންކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، މަދަރުސާގެ މުދަލާއި، ތަކެއްޗަށް، އަދި ވަކިން ހާއްސަކޮށް ކުތުބުހާނާގެ ފޮތްތަކަށާއި، ލެބޯޓަތީގެ ސާމާނުތަކަށް ރައްކާތެރިވާންޖެހޭކަމަށެވެ. ހެޔޮ ގޮތުގައި އެތަކެތީގެ ބޭނުން ހިފަންޖެހޭކަމަށެވެ.
މީގެއިތުރުން މުދައްރިއްސުންނަށް ހައްގުވާ ފަދަ ގަދަރާއި، އިހުތިރާމް އަދާކުރަން ހަނދާންކޮށްދީ، ހުތުބާގައި ބުނީ، މުދައްރިއްސުންނަކީ ދުނިޔެއާއި އާހިރަތުގެ ހެޔޮ މަގަށް މަގު ދައްކާ ބައެއްކަމަށެވެ. އެމީހުން އެވަނީ، ދަރުވަރުން ތަރުބިއްޔަތުކުރުމުގެ ބުރަ މަސްއޫލިއްޔަތާއި ހަވާލުވެފައިކަމަށެވެ. މުދައްރިއްސުން އެކުރާ މަސައްކަތަކީ ނަބީބޭކަލުން ކުރެއްވި މަސައްކަތްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ޙުތުބާގައިވަނީ، މައިންބަފައިންނާ، ދައުލަތުން، ދަރިވަރުންނަށްޓަކައި ކުރަމުންދާ ހޭދައާއި، ތަނަވަސްކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްވެސް ނަސޭހަތްތެރިވެފައެވެ. އުނގެނޭ އިލްމުގެ އަލީގައި، މާތްﷲގެ ރުހިވޮޑިގަތުމާއި، މައިންބަފައިންގެ ހިތްހަމަޖެހުމާއި، ގައުމަށް ކުރިއެރުން ހޯދައި ދިނުމަށްވެސް އެދިފައިވެއެވެ.
މިއަދު މި ދުނިޔޔެ މިވަނީ، ތަރައްގީއާއި އިލްމުގެ އެތައް ހަރުފަތެއް ގިރާކޮށްފައެވެ. އަހަރެމެންގެ ދީނަކީ އިލްމާއި ހަޟާރަތުގެ ދީނެވެ، އެހެންކަމުން ދުނިޔެއަށް އައިސްފައިވާ މި އިލްމީ އިންގިލާބުގެ ފައިދާ އެންމެ ބޮޑަށް ލިބިގަންނަންވީބަޔަކީ އަހަރެމެންކަމަށް ހުތުބާގައިވަނީ ބުނެފައެވެ.
ދަރިން ތަރުބިއްޔަތުކޮށް، އިސްލާމް ދީނަށާއި، ގައުމަށް ވަފާތެރި ބަޔަކަށް ހެދުމަށްޓަކައި އެދުރުންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކޮށް ހުތުބާގައި ވަނީ، އެކުދިންނަށް ފުރިހަމަ ތަރުބިއްޔަތެއް ދެވޭނީ ކެއްތެރިކަމާއި، ހިކުމަތްތެރިކަމާއެކު އެދުރުންގެ މަސްއޫލިއްޔަތު އަދާކޮށްގެންކަމަށް ބުނެފައެވެ. ކިޔަވާ ކުދިންގެ ލޯތައް ހުއްޓިފައި ހުންނާނީ އެދުރުންގެ މައްޗަށްކަން ހަނދާންކުރުމަށް، ހުތުބާގައި ވަނީ އެދުރުންނަށް ނަސޭހަތްތެރިވެފައެވެ. އެކުދިންނަށް ރަނގަޅުކަމުގައި ފެންނަނީ އެރުދުން އެކުދިންނަށް ރަނގަޅު ކަމުގައި ދެއްކި އެއްވެކެވެ. އަދި އެކުދިން ހުތުރުކަމުގައި ދެކޭނީ އެދުރުން އެގޮތަށް ދެކޭ އެއްޗެކެވެ. އެހެންކަމުން އެކުދިންނަކީ އިސްލާމްދީން ދެކެ ލޯބިވާ، ދީނަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ހެދުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
ހުތުބާގައި ވަނީ، ދަރިން ތަރުބިއްޔަތުކުރުމަށްޓަކައި، މައިންބަފައިން އަދާކުރާ ދައުރަކީ، އެކަމަށް ތައުރީފް ހައްގު ދައުރެއްކަން ފާހަގަކޮށްފައެވެ. އަދި ވޭތުވެދިޔަ އަހަރަށްވުރެ މަތީ ފެންވަރުތަކެއް ދަރިންނަށް ހާސިލުކޮށްދެވޭތޯ، ބެހެނިވެރިން ހީވާގިކަމާއެކު މަސައްކަތްކުރުމަށްވެސް ހުތުބާގައި އެދިފައިވެއެވެ.