ދިރާގުން ހުޅުމާލޭގައި ސަބްމެރީން ލޭންޑިން ސްޓޭޝަނެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ދިރާގުން ބުނީ، މި މަސައްކަތަކީ ދުނިޔޭގެ ސުޕަ ހައިވޭ ސީ-މީ-ވީ-6 ސަބްމެރިން ކޭބަލް ސިސްޓަމާއި ދިވެހިރާއްޖެ ގުޅާލުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

މިއަހަރުގެ ކުރީކޮޅު ދިރާގުން ދުނިޔޭގެ ވަރުގަދަ މުޢާސަލާތީ އަދި ޓެކްނޮލޮޖީ، 13 ކުންފުންޏެއް ހިމެނޭ ކޮންސޯޓިއަމްއާއި ގުޅި، ރާއްޖެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެމަސައްކަތް ޢަމަލީގޮތުންވަނީ ފަށާފައެވެ.

މި ކޭބަލް ސިސްޓަމްގެ ސަބަބުން ދެކުނު އޭޝީއާ އާއި ޔޫރަޕްގެ އިންޓަނެޓް އެކްސްޖޭންޖު ތަކަށް ދިރާގުގެ ނެޓްވަރކް ސީދާ ގުޅާލުމުގެ ފުރުސަތު ލިބި ގެންދާނެއެވެ. މި މަޝްރޫއުގެ ދަށުން ދިރާގުން ދަނީ ރާއްޖޭގެ ކޭބަލް ބްރާންޗު ހުޅުމާލޭގައި ލޭންޑްކުރުމަށް ބެނުންވާ ކޭބަލް ލޭންޑިން ސްޓޭޝަން ޤާއިމްކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދު އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙުމަދު ވަނީ މި ލޭންޑިންގ ސްޓޭޝަން ހެދުމަށް ބޭނުންވާ ބިން ހުޅުމާލެއިން ކުއްޔަށް ނެގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ޖުމްލަ 19،200 ކިލޯމީޓަރު ދިގު މި ސަބްމެރިން ކޭބަލްއަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން ދެކުނު އޭޝިޔާއިންފެށިގެން، އިންޑިޔާ، މެދުއިރުމަތި އަދި ހުޅަގު ޔޫރަޕާ ގުޅާލެވޭ މި ހައިސްޕީޑް ސަބްމެރީން ކޭބަލްސިސްޓަމް އާ ރާއްޖެ ގުޅާލުމަށްވަނީ ހަމަޖެހިފައިވެއެވެ.

ސިންގަޕޫރުން ފެށިގެން ފްރާންސް އާއި ހަމައަށް ގުޅާލެވޭ މި ކޭބަލް ސިސްޓަމް 2025 ވަނަ އަހަރުގެ ފުރުތަމަ ކުއާޓަރއަށް ނިމޭނެ ކަމަށް ދިރާކުން ބުނެއެވެ.

މިއީ ދިރާގުގެ ނެޓްވޯކު ޔޫރަޕާއި މެދުއިރުމައްޗާއި ދެމެދު އަދި އިންޑިއާއިން ސިންގަޕޫރަށް ގުޅާލުމަށްޓަކައި ދިރާގުން ކުރާ ބޮޑު އިންވެސްޓްމެންޓެކެވެ.

މި ކޭބަލް ސިސްޓަމް މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިންމު މަންޒިލް ތަކަކާއި ސީދާ ގުޅުވާލެވުމުގެ ސަބަނުން، އިންޓަރނެޓް ގެ ސްޕީޑް އާއި ފެންވަރު އިތުރަށް ރަނގަޅުވެ އަދި ދިރާގުން އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ ޚަރަދުތައް ކުޑަކުރެވި އަގުތަކަށް ވެސް ހެޔޮބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އަދި މީގެ އިތުރުން މި ކޭބަލްގެ ޒަރިއްޔާއިން 5ޖީ ފަދަ އަލަށް ތަޢާރަފުވާ ޓެކްނޮލޮޖީތަކާއި އާރޓިފިޝަލް އިންޓެލިޖެންސްގެ ކުރިއެރުންތަށް ދިރާގުގެ ވިޔަފާރި އަދި ގޭމާރ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ދިރާގަކީ ކަސްޓަމަރުން ބޭނުންކުރައްވަމުންދާ ދިރާގުގެ ޑިޖިޓަލް ޚިދުމަތްތަކުން ލިއްބައިދޭ ފަސޭހަތަށް އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް ޚިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޔެކެވެ.