އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހަކު ބަންދުން ދޫކޮށްލައިފިއެވެ.

ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގީރާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ގުޅުން ހިންގާ އެމަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިއާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް އޭނާއާއެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައެވެ. އެގޮތުން ލިވާތުކުރިކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކުރިއެވެ.

ފުލުހުން މިއަދު ބުނީ، އެއް ޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ފުލުހުންގެ ބަންދުގައި ތިބި 3 މީހަކު ދޫކޮށްލާފައިވާކަމަށެވެ. މި ތިން މީހުން ދޫކޮށްލާފައިވަނީ، އެމީހުންގެ މައްސަލަތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށްފަހު، އެމީހުން އިތުރަށް ބަންދުގައި ބައިތިއްބަން ޕީޖީ އޮފީހަށް ނުފެންނަކަމަށް ނިންމުމާއި ގުޅިގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބޭގޮތުގައި ބަންދުން ދޫކޮށްލާފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ޤާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި، ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދުގެ އިތުރުން އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގައި ކުރިން މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއުއެވެ.

މި ތިން މީހުންގެ އިތުރުން، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ދެން ހައްޔަރުކޮށްފައިވަނީ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު އިބްރާހިމްއެވެ. އެެހެންނަމަވެސް، އޭނައަކީ އަލަމްގިރްގެ މައްސަލައާއި ގުޅުމެއް އޮންނަ މީހެއް ނޫންކަމަށް މައުލޫމާތުލިބެއެވެ.

ގިނަ އަދަދެއްގެ ދިވެހީންނާ އެކު އެއް ޖިންސުން ގުޅުން ހިންގި އަލަމްގިރްވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނަ ހައްޔަރުކޮށްފައިވަނީ، މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.