މި ހިނގާ 2022 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިއަކަށް ހޮވުނީ، ގަތަރު އެއާވޭސްގެ ފްލައިޓެއްގައި މިއަދު ހެނދުނު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިއެވެ. އެއީ، ޗެކް ރިޕަބްލިކަށް ނިސްބަތްވާ ޑެނިއެލާ ކިލްނަރޯވާއެވެ. އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ "ރޮބިންސަން ކްލަބް ނޫނު" ރިސޯޓްގައެވެ. ޑެނިއެލާއަށް ވީއައިއޭއިން މަރުހަބާކިޔާފައިވަނީ ބޮޑުބެރުގެ ހަރަކާތްތަކާއެކުއެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ، މޯލްޑިވްސް އިމިގްރޭޝަން އަދި އެމްއޭސީއެލްގެ ބޭފުޅުން ވަނީ އެއަރޕޯޓުގައި ކުރިއަށްދިޔަ ހަރަކާތުގައި ބައިވެރިވެފައެވެ.

މީއީ އޭނަ ރާއްޖެ ޒިޔާރަތްކުރި ތިން ވަނަ ފަހަރެވެ. ޑެނިއެލާ އެންމެ ފުރަތަމަ ރާއްޖެ ޒިޔާރަތްކޮށްފައިވަނީ، މީގެ 10 އަހަރުކުރިންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، އިންޑިއާއިންނެވެ. އެއީ ޒިޔާރަތްކުރި ފަތުރުވެރިންގެ 14.4 އިންސައްތައެވެ. 11.6 އިންސައްތައާއެކު ދެވަނާގައި އޮތީ އިނގިރޭސިވިލާތެވެ. އަދި ތިން ވަނާގައި އޮތް ރަޝިއާ ހިއްސާކުރަނީ 10.8 އިންސައްތައެވެ. އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓުގައި ދެން ހިމެނެނީ ޖަރުމަނުވިލާތް، އިޓަލީ، އެމެރިކާ، ފްރާންސްގެ އިތުރުން ސައުދީ އަރަބިއްޔާ، ސްޕެއިން އަދި ސްވިޒަލޭންޑެވެ.

ސަރުކާރުން އަންދާޒާކުރާގޮތުގައި މިއަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެއެވެ. ރާއްޖެއަށް އެންމެ ގިނައިން މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި 2019 ވަނަ އަހަރު 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.