އެކިއެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހި ގޮސް އުޅޭ މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިންގ ލައިސަންސް ބޭނުންކުރެވޭ ގޮތް ހަދައިފިއެވެ.

މިއަދު މިކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާއެވެ. އަދި މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ.ވީ.ކާ ސިއޯންގްއެވެ.

މި އެއްބަސްވުމުގެ ދަށުން މޮޓޯ ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތް ދިވެހިންނަށް މެލޭޝިއާގައި ބޭނުންކުރެވޭނެއެވެ. އަދި މެލޭޝިއާގެ ލައިސަންސްވެސް ރާއްޖޭގައި ބޭނުންކުރެވޭނެއެވެ. މި އެއްބަސްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން މެލޭޝިއާގައި ދިިރިއުޅޭ ދިވެހިންނަށް ލުއި ފަސޭހަވާނެ ކަމަށެވެ.

އަދި މި އެއްބަސްވުމަކީ ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުމުގެ ހެއްކެއްކަން މިނިސްޓަރ ނަހަުލާ ފާހަގަކުރެއްވިއެވެ.

މެލޭޝިއާގައި ރާއްޖޭގެ ލައިސަންސް ބޭނުން ކުރެވޭގޮތް ހެދުމަށްޓަކައި އެންމެ ފުރަތަމަ މަޝްވަރާތަކެއް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައި ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އައިކާއޯ ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިން އޭރު މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރާ މިނިސްޓަރ ނަހުލާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

މިއަހަރުގެ ތެރޭގައި އދ.ގެ ގްލޯބަލް ރޯޑް ސޭފްޓީ ހައި ލެވެލް ބައްދަލުވުމުގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ.ވީ.ކާ ސިއޯންގް އާ ބައްދަލުކުރައްވާ ވެސް މަޝްވަރާ ކުރެއްވިއެވެ.

އެއްބަސްވުމެއް ހަދަން ރަސްމީކޮށް ނިންމެވީ މި މަޝްވަރާތަކަށް ފަހުގައެވެ.