ތިލަދުންމަތީ އުތުރުބުރީ ފަސް ސްކޫލެއްގެ ދަރިވަރުންނާއެކު ފުރާވަރު ކޭމްޕު އުތީމުގައި ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ތިން ދުވަހުގެ މުއްދަތަށް އުތީމު ގާޒީ ބަންޑާރައިން ސްކޫލުގައި ކުރިއަށްދާ މި ކޭމްޕުގައި ތިލަދުންމަތީ އުތުރުބުރީ ފަސް ސްކޫލެއް ހިމެނޭހެން ޖުމްލަ 131 ދަރިވަރުން ބައިވެރިވާ ކަމަށެވެ.

އެދަރިވަރުންގެ ތެރޭގައި ހިމެނެނީ 61 އަންހެން ދަރިވަރުންނާއި 70 ފިރިހެން ދަރިވަރުންނެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޭމްޕުގައި ގާޒީ ބަންޑާރައިން ސްކޫލުގެ ދަރިވަރުންގެ އިތުރުން މުރައިދޫ ސްކޫލާއި ވަށަފަރު ސްކޫލާއި ފިއްލަދޫ ސްކޫލު އަދި ކުރިނބި ސްކޫލުގެ ދަރިވަރުން ބައިވެރިވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކު އެފެއަރޒާއި ހއ.އަތޮޅު ޕޮލިސް ސްޓޭޝަންތައް ގުޅިގެން ކުރިޔަށް ގެންދާ މި ކޭމްޕުގައި އިންސްޓަކްޓަރުންގެ ގޮތުގައި ހަރަކާތްތެރި ވަނީ މިފަދަ ކޭމްޕުތައް ހިންގުމުގެ ތަޖުރިބާ ހުރި ފުލުހުންނެވެ.