މިހާރު ހުޅުމާލޭގައި ކުރިއަށް ދާ މޯލްޑިވްސް މެރިން އެކްސްޕޯ 2022ގައި ހުރި ހޮރައިޒަން ފިޝަރީޒް މޯލްޑިވްސްގެ ހާއްސަ ސްޓޯލްގައި ލައިވް ފުޑް ތަޖުރިބާކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ހޮރައިޒަން ފިޝަރީޒް މޯލްޑިވްސްއަކީ ވިލާ ގްރޫޕްގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެ ކުންފުންޏަކީ 2003 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދިވެހިން ބާނާ މަސް ދަޅުގައި ބަންދުކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ މާކެޓްތަކަށް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.

ހޮރައިޒަން ފިޝަރީޒް މޯލްޑިވްސްގެ ފަރާތުން ވާހަކަދައްކަމުން އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގެ ބްރޭންޑް ސްޓްރެޖިސްޓް މަމްދޫހް އިސްމާއިލް ބުނީ، މި ފަހަރުގެ މެރިން އެކްސްޕޯ އިވެންޓަށް ހޮރައިޒަން ފިޝަރީޒް ތައްޔާރުވެފައި ވަނީ އެ ކުންފުނިން އުފައްދާ ރަހަތައް އާންމުންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އެގޮތުން އެ ކުންފުނީގެ ލައިވް ފުޑް ސްޓޯލަށް ޒިޔާރަތްކުރައްވައިގެން މި ރަހަތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

ބޯޓިން ސިނާއަތަށް ހާއްސަ ކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި އިވެންޓު، މެރިން އެކްސްޕޯ ކުރިއަށް ދާނީ މި މަހުގެ 11-13އަށް ހުޅުމާލޭގައި ސެންޓްރަލް ޕާކްގައެވެ. ގިނަ ކުންފުނިތަކެއް ބައިވެރިވެފައިވާ މި އެކްސްޕޯ ހުޅުވިފައި ހުންނާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.

މި އަހަރުގެ މެރިން އެކްސްޕޯ ވެސް ގިނަ ކުންފުނިތަކަކުން ސްޕޮންސަރ ކޮށްފައިވާއިރު، ސްޕޮންސަރުންގެ ތެރޭގައި ވިލާ ގްރޫޕްގެ ވިލާ ހަކަތަ ކުންފުނި ވެސް ހިމެނެއެވެ.

https://www.facebook.com/maldivesmarineexpo/videos/483028966981862

ވިލާ ހަކަތައިގެ ސްޓޯލެއް ވެސް މެރިން އެކްސްޕޯގައި ވަނީ ގާއިމުކޮށްފައެވެ. މެރިން އެކްސްޕޯގެ 7ވަނަ އެޑިޝަންގެ އޮފިޝަލް ލުބްރިކަންޓް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ވިލާ ހަކަތައިގެ ސްޓޯލްގައި ޑިސްޕްލޭ ކުރަނީ އެ ކުންފުނިން ރާއްޖެ އެތެރެކޮށް މާކެޓްކުރާ 'ޝެލް' ބްރޭންޑްގެ އުފެއްދުންތަކެވެ.

އަށްޑިހަ ހާހަށްވުރެ ގިނަ މުވައްޒަފުން ހިމެނޭ ތެޔޮ އުފައްދާ ބޮޑު ޑަޗް ކުންފުންޏެއް ކަމުގައިވާ 'ޝެލް'ގެ އުފެއްދުންތައް ބަލާލުމަށް ވިލާ ހަކަތައިގެ ސްޓޯލަށް ޒިޔާރަތްކުރުމަށް އެ ކުންފުނިން އެދެއެވެ.

ހަމައެކަނި ލިވްއެބޯޑާއި، ޔޮޓާއި، މެރިން ޓްރާންސްފޯޓަށް ހާއްސަ ވެގެން 2016ގައި ފެށި މި އިވެންޓު ފުޅާވަމުން ގޮސް، މިހާރު މެރިން ސިނާއަތާ ގުޅުންހުރި ހުރިހާ ބަޔަކަށް ހާއްސަ ބައިތައް އެކްސްޕޯގައި ހިމެނެއެވެ. މިހާރު އެކްސްޕޯގައި އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ލިވްއެބޯޑުތަކާއި ޔޮޓުތަކާއި، މަސްވެރިކަމުގެ އިތުރުން ވޯޓަ ސްޕޯޓްސް އާއި ލޮޖިސްޓިކްސް ހިމެނެއެވެ.