އެފްއޭ ކަޕުގެ ކުއާޓަރ ފައިނަލްގެ ޕްލޭ އޮފް މެޗުގައި ބިސް ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް ފަރަގު ބޮޑު ނަތީޖާއަކުން ކުރިހޯދާ، ސުޕާ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު މިމެޗު ސަސް އިން ކާމިޔާބު ކުރީ 0-10 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗު ޑޮމިނޭޓުކޮށް މޮޅަށް ކުޅެމުންދިޔަ ސަސް އިންވަނީ މެޗުގެ ވަރަށް ކުރީކޮޅުގައި ލަނޑެއް ޖަހާ ލީޑުނަގާފައެވެ. ފުރަތަމަ ހާފުގެ 6 ވަނަ މިނެޓުގައި ސަސް އަށް މިލަނޑު ކާމިޔާބު ކޮށްދިނީ އިބްރާހިމް އަތީގު ހަސަން އެވެ. ސަސް އިން ދެވަނަ ލަނޑެއްޖަހާ ލީޑު ފުޅާކުރީ 19 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އައިހަމް އަހްމަދެވެ.

ފުރަތަމަ ހާފުގައި ސަސް އިން ޖުމްލަ 3 ލަނޑު ޖެހިއެވެ. މިހާފުގައި އެޓީމުންޖެހި ފަހު ލަނޑު 33 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މުހައްމަދު ސަޚާއު (ބޭލް) އެވެ.

ދެވަނަ ހާފުގައިވެސް ސަސްގެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި ވަނީ ޖުމްލަ 7 ލަނޑު ޖަހާފައެވެ. މި ހާފުގެ ފުރަތަމަ ލަނޑު އަދި މެޗުގެ 4 ވަނަ ލަނޑު ސަސް އިން ކާމިޔާބު ކުރީ 64 ވަނަ މިނެޓުގައެވެ. މިލަނޑު އަހްމަދު ހުސާމް ކާމިޔާބު ކޮށްދިންއިރު އޭގެ ފަސް މިނެޓުފަހުން އަލީ ނަސޫހް ރަޝީދު ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 0-5 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެ މިނެޓެއްފަހުން އަހްމަދު އައިހަމް ވަނީ ސަސް ގެ 5 ހަވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ސަސްގެ ހަތްވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީވެސް ހުސާމް އެވެ. އަދި 82 ވަނަ މިނެޓުގައި ނަސޫހް ދެވަނަ ލަޑެއް ޖަހާ މެޗުގެ ނަތީޖާ 0-8 އަށް ބަދަލު ކޮށްލިއިރު، 87 ވަނަ މިނެޓުގައި އަހްމަދު ހަމީދު ވަނީ ސަސްގެ ނުވަވަނަ ލަނޑު ޖަހައިދީފައެވެ. އަދި މެޗުގައި ސަސްގެ ދެވަނަ ލަނޑު ޖަހައިދިން އައިހަމް އަހްމަދު ވަނީ މެޗުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ލަނޑެއް ޖަހާ ސަސްގެ 10 ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މިމެޗުން މޮޅުވުމުން ކުއާޓަރ ފައިނަލުގައި ސަސް ނުކުންނާނީ ކްލަބް އީގަލްސް އާއި ދެކޮޅަށެވެ. މިމެޗު ކުޅޭނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ކުއާޓަރ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ 21:00 ގައި ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާނެއެވެ. އަދި ކުއާޓަރ ގެ ދެވަނަ މެޗުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ޓީސީ ސްޕޯޓްސް ކުލަބު، މާދަމާ ހަވީރު 16:00 ގައި ކުރިމަތިލާނެއެވެ. ކްލަބް ވެލެންސިއާ އާއި ޑަ ގްރާންޑޭ ސްޕޯޓްސްގެ ކުރިމަތިލުން ފެނިގެންދާ ކުއާޓަރ ގެ ތިންވަނަ މެޗު ކުޅޭނީ މާދަމާރެއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އަދި ފައިނަލް މެޗު ކުޅޭނީ މިމަހުގެ 21 ވަނަ ދުވަހުގެ ރެއެވެ. މުބާރާތުގެ ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 21 ވަނަ ދުވަހުގެ ހަވީރުއެވެ.

އެފްއޭ ކަޕް 2017 ވަނަ އަހަރު އެންމެ ފަހުން ބޭއްވިއިރު، އެ ފަހަރުގެ މުބާރާތް ކާމިޔާބުކުރީ އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.