ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކުޅުދުއްފުށިސިޓީއަށާ ހދ. ނޮޅިވަރަމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ނައިބުރައީސްގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ކުޅުދުއްފުށި ސިޓީއަށެވެ. އެ ސިޓީއަށް ވަޑައިގެން މިއަހަރުގެ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ފާހަގަކުރުމަށް އެ ސިޓީގައި ބާއްވާޖަލްސާ ޝަރަފުވެރި ކޮށްދެއްވާނެއެވެ. އަދި ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ބާއްވާ އެ ސިޓީގައި ބާއްވާ މައުރަޒު ހުޅުވައިދެއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މީގެއިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށްވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ.

މިދަތުރުފުޅުގައި ނައިބުރައީސް ހދ.ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާ ވެސް ބައްދަލު ކުރައްވައި އަދި އެރަށު ސްކޫލާއި ޞިއްޙީ މަރުކަޒަށް އެމަނިކުފާނު ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.