ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އދ. މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު އޮނަރަބަލް ޤާސިމް އިބްރާހިމް ފ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ނިލަންދޫ ކައުންސިލް ރައީސް އަލީ އަހުމަދު އާއި ޑަބްލިއުޑީސީގެ ރައީސް ނަސީބާ އަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި ލީޑަރ ޤާސިމް އިބްރާހިމް ވަނީ ފ. ނިލަންދޫގެ އަންހެނުން ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތާއި ރަށުގައި ހިނގަމުންދާ އެކިއެކި ތަރައްޤީގެ މަސައްކަތްތައް އޮޅުންފިލުއްވާފައެވެ.

މިބައްދަލުވުމުގައި ޤާސިމް ވަނީ ރަށުގެ ތަރައްޤީގެ ބައެއް މަސައްކަތްތަަކަށް އެހީތެރިވެދެއްވަވަން ނިންމަވާފައެވެ. އެގޮތުން ރަށުގެ މޫދަށް އެރޭ ސަރަހައްދު ތަރައްޤީ ކޮށްދެއްވުމަށް އެހީތެރިވުމާއި ވޮލީކޯޓެއް ތަރައްޤީ ކޮށްދެއްވުމާއި އަދި މިނޫންވެސް މިފަދަބައެއް މަސައްކަތްތައް ހިމެނޭކަމަށް ޖޭޕީން މައުލޫމާތުދެއެވެ.

ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް އަބަދުވެސް ފ. ނިލަންދޫގެ ތަރައްޤީގެ އެކިއެކި މަސައްކަތްތަކުގައި ވެދެއްވާ އެހީތެރިކަމާއި ބަހައްޓަވާ ގާތްކަން އަދި ވަކިން ޚާއްޞަކޮށް ރަށުގެ އަންހެނުންގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ކައުންސިލް ރައީސް އަދި ޑަބްލިއުޑީސީގެ ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި، މިކަމުގެ ރަމްޒެއްގެ ގޮތުން ހަނދާނީ ފިލައެއް ވަނީ ލީޑަރ ޤާސިމް އިބްރާހިމްއަށް އަރުވާފައެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު، މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އައިޝަތު ނަހުލާ އިސްވެހުންނަވާ ޖޭޕީގެ ބައެއް އިސްފަރާތްތަކާއި އެކު ވަނީ ހުސްވި އަހަރު ފަހުކޮޅު ފ. ނިލަންދޫއަށް ވަޑައިގެން ޖޭޕީއަށް މެމްބަރުން އިތުރުކުރުމުގެ ޙަރަކާތެއްވެސް ހިންގަވާފައެވެ. އެ ދަތުރުފުޅުގައި ކައުންސިލް މެމްބަރު ނަހުލާ އާއި ޖޭޕީގެ ޓީމުންވަނީ ރަށު ކައުންސިލް، ޑަބްލިއުޑީސީ އާއި އަދި، ރަށުގެ ބައެއް އިސްފަރާތްތަކާއި ބައްދަލުކުރައްވަވާފައެވެ.

އެދަތުރުގައި އެރަށުން މިނިސްޓަރ ނަހުލާއަށް ހޫނު މަރުޙަބާއެއް ކިޔުއްވާަފައިވެއެވެ. އަދި އެ ރަށުން ޖޭޕީއާއި ގިނަ ބަޔަކު ވަނީ ގުޅިފައެވެ.