މ.ދިއްގަރާއި ތ.ގާދިއްފުށީ ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެ 2 ކައުންސިލްގެ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު 8:00 ގައި ފަށާފައިވާ ކަމަށާއި، ހަވީރު 4:00 ގެ ނިޔަލަށް އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި 2 އިންތިޚާބުގައި ވޯޓުލުމަށް ޖުމްލަ 3 ފޮށްޓެއް ބަހައްޓާފައިވެއެވެ. އެއީ ދިއްގަރު ސްކޫލުގައި ބަހައްޓާފައިވާ ފޮށްޓަކާއި، ގާދިއްފުށި ޕްރީސްކޫލުގައި ބަހައްޓާފައިވާ ފޮށީގެ އިތުރުން، މާލޭގައި ދިރިއުޅޭ މި 2 ރަށުގެ ރައްޔިތުން ވޯޓުލުމަށްޓަކައި އިއްޒުއްދީން ސްކޫލުގައި ބަހައްޓާފައިވާ ފޮށްޓެވެ.

ދިއްގަރުގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 733 މީހުންނަށެވެ. ގާދިއްފުށީގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 218 މީހުންނަށެވެ. އަދި، މާލޭ އިއްޒުއްދީން ސްކޫލްގައި ބަހައްޓާފައިވާ ފޮއްޓަށް 586 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ.

އިންތިހާބުގައި ދިއްގަރު ކައުންސިލްގެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް އަބްދުﷲ އާރިފް، އަށް ލިބިފައިވަނީ ކެންޑިޑޭޓު ނަމްބަރު 1 އެވެ. ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލްހަންނާން އަޙްމަދަށް ލިބިފައިވަނީ ކެންޑިޑޭޓް ނަމްބަރު 2 އެވެ.

ދިއްގަރު ކައުންސިލް ގޮނޑިއެއް ހުސްވެފައިވަނީ އެކައުންސިލްގައި މިނިވަން މެމްބަރެއްގެ ގޮތުގައި ތަމްސީލްކުރި މެމްބަރު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ގާދިއްފުށި ކައުންސިލްގެ އަންހެނުނަށް ހާއްސަ ގޮނޑީގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޒުލައިހާ އަހުމަދެވެ. އެގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ ހައްވާ އަބްދުލްގާދިރެވެ.