އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސްރީލަންކަން އެއަރލައިންސްއިން އައްޑޫ ސިޓީއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދަތުރުތައް މެދުކަނޑާލުމަށްފަހު، ސްރީލަންކަން އެއާލައިން އިން އައްޑޫ ސިޓީއަށް އަލުން ދަތުރުތައް ފަށާފައިވަނީ ފާއިތުވި 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އޭރު ދަތުރުތައް ފަށާފައިވަނީ ޑިމާންޑަށް ބަލައި ދަތުރުތަކުގެ އަދަދު އިތުރު ކުރާ ގޮތަށެވެ. އަދި ސްރީލަންކަންގެ ދަތުރުތަކުގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ ގަމަށް ފަތުރުވެރިން ގެނައުންކަމަށް ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް އޭސް އެވިއޭޝަނުން ބުނެފައިވެއެވެ.

ސްރީލަންކަން އެއަރލައިނުން އައްޑޫއަށް މިހާރު ކުރަމުންދަނީ ހަފްތާއަކު 2 ދަތުރެވެ. އެއީ އަންގާރަ އަދި ހޮނިހިރު ދުވަހުއެވެ. ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަންގެ އެމްޑީ މުހައްމަދު ފިރާގު ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ސްރީލަންކަން އެއަރލައިނުން އައްޑޫއަށް ކުރާ ދަތުރުތައް ހަފްތާއަކު 3 ދަތުރަށް އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެއީ ހަފްތާގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެވެ.

ސްރީލަންކަންގެ ދަތުރުތަކާއެކު ގަމަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރު އިތުރުވެފައިވާއިރު، ޔޫރަޕުގެ މަންޒިލްތަކުންނާއި މެދު އިރުމަތިންވެސް އައްޑޫއަށް މިހާރު ފަތުރުވެރިން ދެއެވެ.

ގަމާއި ކޮލަމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފެށީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭރު އެންމެ ބޮޑު ކަންބޮޑުވުމަކީ ފްލައިޓުތަކަށް ކަނެކްޝަން ނުލިބުމެވެ. އޭގެ ސަބަބުން އެކަށީގެންވާ ޕެސެންޖަރ މޫވްމެންޓެއް ނާންނަކަމަށް އޭރު އޭސް އެވިއޭޝަނުން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް މަންޓާ އެއަރއިން ދެކުނުގެ އަތޮޅުތަކާއި މާލެއަށް ކަނެކްޝަން ފޯރުކޮށްދޭން ފަށާފައިވުމާއެކު ސްރީލަންކަންގެ ދަތުރުތަކަށް މިހާރު ލިބެމުންދާ ތަރުހީބު ބޮޑުކަމަށް އޭސް އެވިއޭޝަނުން ފާހަގަކުރެއެވެ.