ރާއްޖޭގައި ބާއްވާ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު"ގެ ދެވަނަ ދަތުރު އިފްތިތާހުކޮށްފިއެވެ.
މި ހަރަކާތް އިފްތިތާހުކޮށްފައިވަނީ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިޔަށްދާ މެރިން އެކްސްޕޯގެ ތެރެއިންނެވެ. ސަވާދީއްތަ ދަތުރު ދޭއް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.
ސަވާދީއްތަ ދަތުރަކީ، ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ފަރާތުން ބާއްވާ ހަރަކާތެވެ.
ސަވާދިއްތަ ދަތުރުގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. މިހަރަކާތް އޮންނާނީ އަންނަ އަހަރުގެ މާޗްމަހުގެ އެއް ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އެމްއައިޓީޑީސީއިން ބުނެއެވެ. މިފަހަރުގެ ދަތުރުގައި ޖުމްލަ 11 މަންޒިލަކަށް ދަތުރުވެރިން މަޑުކުރަން ހަމަޖެހިފައިވާއިރު، އެއީ މީހުން ދިރިއުޅޭ 9 ރަށަކާއި 2 ފަޅު ރަށަކަށްކަމަށް އެމްއައިޓީޑީސީއިން މައުލޫމާތުދެއެވެ.
މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ދަތުރުގައި ރާއްޖޭގެ މަޝްހޫރު ތާރީހީ ބިނާތަކާއި، ދިވެހިންގެ ރަށްފުށު ދިރިއުޅުމާއި، ރާއްޖޭގެ ރީތި ކަނޑުއަޑީގެ މަންޒަރު ބަލާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.
ސަވާދިއްތަ ޔޮޓް ރެލީގެ ފުރަތަމަ ބުރު ބާއްވާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގައެވެ. މި ދަތުރުގައި ޔޮޓުތައް ދަތުރުކޮށްފައިވަނީ ހއ. އިން ފެށިގެން ނ. އަތޮޅާ ހަމައަށެވެ.