ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑުގެ ޕޯސްޓު މޯޓަމް ރިޕޯޓް ލިބޭނެ ދުވަހެއް އަދި ނޭންގޭކަމަށް ފުލުހުން ބުނެފިއެވެ.

ސްޓު މޯޓަމް ހެދުމަށް ޝިއާއުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވާފައިވަނީ މިމަހުގެ 11ވަނަ ދުވަހުގައެވެ.

ފުލުހުން މިއަދު ބުނީ، ޕޯސްޓް މޯޓަމްގެ ނަތީޖާ ލިބޭނެ ސީދާ ތާރީހެއް ބުނަން އަދި ދަތިކަމަށެވެ. އަދި މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ޝިއާއު މަރާލާފައިވަނީ ވަރަށް އިހާނެތިކޮށް ނަމަވެސް، އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ ޝިއާގެ އައިލާއިން އެގޮތަށް އެދިފައިވާ ކަމަށާއި، އާއިލާގެ އެދުމަށް އިހްތިރާމް ކުރުމުގެ ގޮތުން އެ މައުލޫމާތު ހާމަކުރުމަށް ގަސްތު ނުކުރާ ކަމަށެވެ.

އެހެންނަމަވެސް ފުލުހުން ވަނީ ޝިއާއުއަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ.

ޝިއާއު މަރާލިކަމުގެ ތުހުމަތުގައި ކްރައިމް ސީން އިން ފުލުހުން ވަނީ ޒުވާނަކު ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާޙިލްއެވެ. ޝިއާއު މަރާލާފައި އޮއްވާ ފެނިފައިވަނީ ޝާހިލް ދިރިއުޅޭ އެޕާޓްމަންޓުންނެވެ.

ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވާއިރު، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުން ވަނީ ސިއްރުކޮށްފައެވެ. ޝާހިލުގެ ބަންދާ ގުޅޭ ގޮތުން ގޮތެއް ނިންމަން އޮތް އަޑުއެހުން ސިއްރުކުރަން ގާޟީ ނިންމަވާފައިވާ ކަމަށާއި، ގާޟީ އެފަދައިން ނިންމަވާފައިވަނީ ފުލުހުންގެ އެދުމުގެ މަތީން ކަމަށް ކޯޓުން ވަނީ ބުނެފައެވެ.