ރާއްޖޭގެ ކަނޑުގެ ސަރަަހަށްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ދެ މަސް ބޯޓެއް އަތުލައިގެންފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނީ، މި ދެ ބޯޓު އަތުލައިގެންފައިވަނީ، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ކުރަމުންދިޔަ ޕެޓްރޯލެއްގެ ތެރެއިން މިއަދުގެ ހެނދުނުގެ ވަގުތެއްގައިކަމަށެވެ.

މި މަސް ބޯޓުތަކަކީ، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ކަނޑުގެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށް ޝައްކުކުރެވޭ ބޭރުގެ ދެ މަސް ބޯޓްކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ދެ މަސް ބޯޓެއް އަތުލައިގެންފައިވާއިރު، ހުއްދަ ނުހޯދާ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއްޖެނަމަ އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއްކުރަން ކަނޑައަޅާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހަށްދުގައި ބޭރުގެ މަސްވެރި އުޅަނދު ފަހަރުން ރިޕޯޓްކުރުމެއް ނެތި، ގާނޫނާއި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާއި ބެހޭ ގަވައިދު ވަނީ މިދިޔަ ހަފްތާގެ ތެރޭގައި އާންމުކޮށް، އަމަލުކުރަން ފަށާފައެވެ.

އެގޮތުން، މިނިސްޓްރީގެ ފަރާތުން ދުރާލައި ހުއްދަ ހޯދުމަކާ ނުލައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަނުން ނުވަތަ ވަންނަން މަސައްކަތް ކުރާ ފަރާތްތައް އެއް ލައްކަ ރުފިޔާއިން ޖޫރިނަމާކުރެވޭނެކަމަށް މިގަވައިދުގައި ބުނެއެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުން ނުވަތަ އެފަދަ މަސްވެރިކަމެއް ކުރުމަށް މަސައްކަތްކޮށް، އެފަދަ ހަރަކާތެއްގައި އެއްވެސް ސިފައެއްގައި ބައިވެރިވެފައިވާނަމަ ދެ މިލިއަން ރުފިޔާއާއި 40 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެއެވެ.

ގަވައިދުގައި ވާގޮތުން، ކުރިއާލައި މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަންނަ ނުވަތަ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ހުރަސްކުރުމަށް މަސައްކަތް ކުރާ ބޭރުގެ މަސްވެރި އުޅަނދުފަހަރު ކަނޑުމަތިން ހުއްޓުވައި ބަލައި ފާސްކުރުމުގެ ބާރު ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަންފީޒީ އޮފިސަރުންނަށާއި ސިފައިންގެ ކޯސްޓްގާޑުގެ ތަންފީޒީ އޮފިސަރުންނަށް ލިބިގެންވެއެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް މީގެކުރިންވެސް އެތައް ފަހަރަކު ބޭރުގެ މަސް ޓޯޓުތައް އަތުލައިގެންފައިވެއެވެ.