ދިވެހިރާއްޖޭގައި ދިރިއުޅޭ ޒުވާނުންގެ އާބާދީގައި، ދިވެހީންނަށް ވުރެ ބިދޭސީންގެ އަދަދު އިތުރުކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިއްޔެ ފާހަގަކުރި ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހިނގާ 2022 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އާބާދީ 579،330 އަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރާއްޖޭގައި އާބާދީގެ ތެރެއިން 45 އިންސައްތައަކީ ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގައި ބޮޑުބައެއް ހިއްސާ ކުރަނީ ބިދޭސީންނެވެ. އެގޮތުން ޒުވާނުންގެ އާބާދީގައި ދިވެހި ޒުވާނުންގެ އިންސައްތައަކީ 47 އެވެ. 53 އިންސައްތަ އަކީ ބިދޭސީ ޒުވާނުންނެވެ.

ޒުވާނުންގެ އާބާދީ ގައި ހިމަނަނީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނެވެ. އޭގެތެރޭގައި 258،923 މީހުން ރާއްޖޭގައި ދިރިއުޅެއެވެ. އޭގެތެރެއިން 137،229 މީހުންނަކީ ބިދޭސީންނެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރޭގައި ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ބައިލައްކައަށް ވުރެ މަދު ނުވާނެ ކަމަށް ބައެއް އިދާރާތަކުން ލަފާކުރެއެވެ. އެމައްސަލަ ހައްލުކުރަން ފިޔަވަޅުތަކެއް އެޅި ނަމަވެސް އެކަމަށް ހައްލު ލިބޭ ގޮތެއް ނުފެނެއެވެ.