ވެސްޓަން ޔޫނިއަންގެ ރާއްޖޭގެ ލޯކަލް ޕާޓްނަރު، އައިލެންޑް ފައިނޭންޝަލް ސާވިސަސް (އައި.އެފް.އެސް)އަށް ދޫކޮށްފައިވާ ރެމިޓަންސް ލައިސެންސް ހިފެހެއްޓުމާ ގުޅިގެން ވަގުތީ ގޮތުން ހުއްޓާލާފައިވާ ޚިދުމަތް އަލުން ފަށަން ތައްޔާރުވެއްޖެއެވެ.

ރެމިޓެންސްގެ ކަންކަން ރެގިއުލޭޓު ކުރާ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން އައި.އެފް.އެސްގެ ލައިސެންސް ހިފެހެއްޓީ ހޯމަ ދުވަހުއެވެ. އެކަން އަންގާ އެމް.އެމް.އޭ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އައިލެންޑް ފައިނޭންޝަލް ސާވިސަސް އަށް ދޫކޮށްފައިވާ ރެމިޓެންސް ހިދުމަތް ދިނުމުގައި ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސެންސް ވަކި ގޮތެއް އަންގަންދެން ހިފެހެއްޓިފައިވާ ކަމަށެވެ. އެކަމަކު ހުއްދަ ހިފެހެއްޓި ސަބަބެއް އިއުލާނުގައި ނެތެވެ.

އެކަން އޮޅުން ފިލުވަން "ވީނިއުސް" އިން ސުވާލުކުރުމުން އައި.އެފް.އެސް ހިންގާ ވިލާ ޓްރެވެލްސް ހިންގުމާ ހަވާލުވެ ހުންނެވި ސޮފްވާން މުހައްމަދު ވިދާޅުވީ، އެ ކުންފުނީގެ ލައިސެންސް ހިފެހެއްޓީ މުއާމަލާތުތައް ފުރިހަމަކުރަން ގެންގުޅޭ ސިސްޓަމަށް ދިމާވެފައިވާ މައްސަލައެއްގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ މި މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައި ކަމަށާއި އެ ކަން އެމް.އެމް.އޭއަށް ވެސް އަންގާފައިވާނެ ކަމަށެވެ.

ސޮފްވާން ފާހަގަކުރި ގޮތުގައި ޚިދުމަތް ދެން ފެށޭނީ އެމް.އެމް.އޭ އިން ހުއްދަ ދިނުމުންނެވެ. މި ގޮތުން ވަރަށް އަވަހަށް ޚިދުމަތް އަލުން ފެށޭނެ ކަމަށް އޭނާ އުންމީދުކުރެއެވެ.

މިކަމާ ގުޅޭގޮތުން ވެސްޓަން ޔޫނިއަންގެ ވެބްސައިޓުގައިވެސް ވަނީ އެމްއެމްއޭއިން އައިލެންޑް ފައިނޭންޝަލްސްގެ ހުއްދަ ހިފެހެއްޓީ "އިންޓާނަލް އަޕްޑޭޓްތަކެއް" ގެންނަން ކަމަށެވެ. މި ކަމުގެ ސަބަބުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.

އެމް.އެމް.އޭ އިން ކަނޑައަޅާ އުސޫލުތަކާއި އިރުޝާދުތަކަށް ނުވަތަ އަންގާ އެންގުމަކަށް އަމަލު ނުކުރާ ނަމަ މިހާރު އަމަލުކުރަމުންދާ ގައުމީ ޕޭމަންޓް ސިިސްޓަމްގެ ގާނޫނުގެ ދަށުން ލައިސެންސް ހިފެހެއްޓުމުގެ ބާރު އެ އޮތޯރިޓީއަށް ލިބެއެވެ.