އިދިކޮޅު ލީޑަރ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދިވެހިރާއްޖޭގެ ވެރިކަން ކުރައްވަން ދެވަނަ ދައުރެއް ލިބިވަޑައިގެންނެވިޔަސް ވައްކަން ނޫން ކަމެއް ނުކުރައްވާނެކަން ޔަގީންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު މިފަދައިން ވިދާޅުވީ، 3 އަހަރު ފަހުން ރައީސް ޔާމީން މީޑިއާތަކާއި ބައްދަލުކުރައްވާ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ނޫސްވެރިން ކުރެއްވި ގިނަ ސުވާލުތަކަކަށް ޖަވާބުދެއްވާ، ހިޔާނާތާއި އެމަނިކުފާނާއި ގުޅުވައިގެން ކުރެވޭ ގިނަ ތުހުމަތުތަކަށް ރައްދުދެއްވުމާއި ގުޅިގެންނެވެ.

ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވައި މެމްބަރު ޝިފާއު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްއެމްޕީއާރްސީ ހިޔާނާތް ފެށުނީއްސުރެ އިދާރާތަކުން އޭރުގެ ވެރިމީހާގެ ސަމާލުކަމަށް އެކަން ގެންނަމުން އައި ނަމަވެސް، ވައްކަން ހުއްޓުވުމުގެ ބަދަލުގައި އެމަނިކުފާނު ގެންދެވީ ވައްކަމުގައި ބައިވެރިވެވަޑައިގެން ވައްކަންތައް ވިލަރެސް ކުރައްވަމުން ކަމަށެވެ.

މީގެއިތުރުން، ރައީސް ޔާމީން މިހާރުވެސް ދައްކަވަނީ އިތުރަށް ހޯދަން ޖެހޭ 4 މިލިއަން ޑޮލަރުގެ ވާހަކަ ކަމަށާއި، ވެރިކަމުގައި ހުންނަވައި، ބައިރުފިޔާއެއް ލިބިވަޑައިގަތް ނަމަވެސް، ރައްޔިތުމީހާ އެލިބުނުގޮތް ބުނެދޭން އެދިއްޖެނަމަ އެފައިސާ ލިބުނުގޮތް ބުނެދެވެންޖެހޭނެ ކަމަށް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ ރައްޔިތުންނަށް އެކަން ސާފުކޮށް ނުދެވިއްޖެނަމަ އެ އިއުތިރާފުވެވެނީ އެއީ ސައްހަ ގޮތުގައި ހޯދި ފައިސާ ނޫން ކަމުގައި ކަމަށެވެ.

ހުސްވި ހަފްތާގައި ރައީސް ޔާމީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކަށް ވިޔަފާރިވެރިންގެ އަތުން ފައިސާ ލިބޭ ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި އެތައް ބައެއްގެ އަތުން ފައިސާ ލިބުނު ކަމަށް ވިދާޅުވެފައެވެ.