ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހދ. އަތޮޅުގެ ދެ ދަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ނޮޅިވަރަމަށް ވަޑައިގެންފިއެވެ.

ނައިބު ރައީސް އެ ރަށަށް ވަޑައިގަތުމުން ރަށުގެ ބަނދަރު ސަރަހައްދުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ނޮޅިވަރަމުގައި ހުރި ސަރުކާރުގެ މުވައްސަސާތަކުގެ އޮފީސްތަކަށް ޒިޔާރަތްކުރައްވާ އެ ތަންތަނުގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

އެގޮތުން، ނޮޅިވަރަމް ކައުންސިލްގެ އިދާރާ އާއި ނޮޅިވަރަމް ސްކޫލް އަދި ނޮޅިވަރަމް ސިއްހީ މަރުކަޒަށް އެމަނިކުފާނު ޒިޔާރާތްކުރެއްވިއެވެ.

ނައިބު ރައީސް ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުށި ސިޓީއަށެވެ.

އެ ސިޓީއަށް ވަޑައިގެން މިއަހަރުގެ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް އެ ސިޓީގައި ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައި ވެއެވެ. އަދި ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން އެ ސިޓީގައި ބާއްވާ މައުރަޒުވެސް ހުޅުވައިދެއްވިއެވެ.

މިޖަލްސާގައި ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވި ދަތިތަކާއި އަދި އިޤުތިޞާދީ، އިޖުތިމާއީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. ނައިބުރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ސިވިލް ސާވިސްގައި އެގާރަހާހަށް ވުރެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަމުންދާކަމަށާ، އިތުރު އެތައް ޒުވާނުންނެއް ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ޒުވާނުންގެ ފަރާތުންވެސް ނަމޫނާ މަސައްކަތްތަކެއް ފެނިގެން ދިޔަ ކަމަށެވެ. އަދި އެމަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ޒުވާނުންގެ އާބާދީއަކީ ރާއްޖޭގެ މުސްތަޤްބަލަށް އުންމީދީ އާބާދީއެއްކަން ހާމަވެގެން ގޮސްފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށްވެސް އެމަނިކުފާނު ޒިޔާރަތްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުޅުދުއްފުށި ސިޓީއަށާއި ހދ. ނޮޅިވަރަމަށް ކުރައްވާ ރަސްމީ ދަތުރުފުޅަށް މާލެއިން ފުރާވަޑައިގެންނެވީ މިއަދު ހެނދުނުއެވެ.