ދިވެހި އެފްއޭ ކަޕުގެ ކުއާޓަރ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު ޕެނަލްޓީ ޖަހައިގެން ޓީސީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދާ، ކްލަބް ގްރީން ސްޓްރީޓްސް އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

މިއަދު ހަވިރު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ޓީސީ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ހަމަވީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޓީސީ އިންނެވެ. ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން އައިސަމް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު ޓީސީ އަށް ކާމިޔާބު ކޮށްދިނީ އޮމަރު ހޮސަމް ސަލާހް އެވެ.

ގްރީން ސްޓްރީޓްސް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ލިބުނު ކޯނަރަކުން ތަނަވަސްކުރި ފުރުސަތެއްގައެވެ. އެގޮތުން 38 ވަނަ މިނެޓުގައި އަންސަރު ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މެޗުގެ ނަތީޖާ ގްރީން ސްޓްރީޓްސް އަށް ހަމަހަމަ ކޮށްދިނީ ޝުކުރާ އަލީ އެވެ.

ފުރިހަމަވަގުތުގެ ކުޅުން ހަމަހަމަވުމުން އިތުރު ވަގުތުގެ ދެހާފު ކުޅުނުއިރުވެސް ދެޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބެއް ނުކުރެވެއެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު ގްރީން ސްޓްރީޓްސް އިން ޕެނަލްޓީ ޝޫޓް އައުޓް ކާމިޔާބު ކުރީ 3-4 އިންނެވެ.

ޓީސީގެ ފަސް ޕެނަލްޓީގެ ތެރެއިން ޕެނަލްޓީ ކާމިޔާބު ކުރީ މުހައްމަދު މުސްލިހް އާއި އަހްނާފް މުހައްމަދު ތަސްނީމްގެ އިތުރުން ހަސަން އީނާޒް އެވެ. ޕެނަލްޓީ ކާމިޔާބު ނުކުރެވެނީ މުހައްމަދު ސާއިދު ނިޒާރު އަށާއި މުހައްމަދު އަޖުފާން އަށެވެ.

ގްރީން އިން ޕެނަލްޓީ ކާމިޔާބު ނުކުރެވުނީ އަންސަރު އިބްރާހިމް އަށް އެކަންޏެވެ. އެޓީމުން ޝުކުރު އަލީ އާއި ހަސަން ނަޒީމް (ޗޯޓު)ގެ އިތުރުން ފަރުހާދު އިސްމާއިލް އާއި ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ.

ޓީސީ ބަލިކޮށް ގްރީން އިން ސެމީގެ ޖާގައެއް ހޯދިއިރު، ސެމީ ފައިނަލުގައި ގްރީން ސްޓްރީޓްސް ނުކުންނާނީ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދެކޮޅަށެވެ. މާޒިޔާ ސެމީގެ ޖާގައެއް ހޯދީ ހުކުރު ދުވަހުގެރޭ ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް ހޯދި މޮޅާއެކުއެވެ.