އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެރޭ ބްރެންޓްފޯޑާ ދެކޮޅަށްކުޅެ، ފުޓުބޯޅައިގައި އިނގިރޭސިވިލާތުގެ ކުރީގެ ގަދަބާރު މެންޗަސްޓަރ ޔުނައިޓެޑަށް ލަދުވެތި ބައްޔަކާއި ކުރިމަތިވެއްޖެއެވެ.
މިއީ ފާއިތުވީ 84 އަހަރުގެ ތެރޭގައި ބްރެންޓްފޯޑު އަތުން ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރެވެ. އެންމެފަހުން ބްރެންޓްފޯޑު އަތުން ޔުނައިޓެޑް ބަލިވެފައިވަނީ 1938 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ކުޅުނު އެފްއޭ ކަޕުގެ މެޗެއްގައެވެ. އެމެޗު ބްރެންޓްފޯޑުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
80 އަހަރުގެ ދިގު މާޒީއެއް ބަދަލުކޮށް ބްރެންޓްފޯޑުން ޔުނައިޓެޑުގެ މައްޗަށް މިރޭ ކުރިހޯދީ 0-4 ގެ ފަރަގުބޮޑު ނަތީޖާއަކުންނެވެ.
މިމެޗުން ޔުނައިޓެޑް ބަލިވިއިރު މި ސީޒަނުގެ ޕްރިމިއަރ ލީގުގައި ކުޅުނު ފުރަތަމަ މެޗުންވެސް ޔުނައިޓެޑް ވަނީ ބްރައިޓަން އަތުން 1-2 އިން ބަލިވެފައެވެ. ފާއިތުވީ ސީޒަނުގައިވެސް ޔުނައިޓެޑަށް އެންމެ އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާއިރު އެޓީމުން ސީޒަން ނިންމާލީ ލީގު ތާވަލުގެ ހަވަނައިގެ ގޮތުގައެވެ. ފާއިތުވީ ސީޒަނުގައިވެސް ޔުނައިޓެޑަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޑިފެންސްލައިންގެ ދޯދިޔާ ކަން، ހާއްސަ ގޮތެއްގައި އެޓީމުގެ ކެޕްޓަން ހެރީ މެގުއާގެ ފަރާތުން ފެނިގެންދިޔަ ގޯސްތަކެވެ. އެ ސީޒަނުގައި ޔުނައިޓެޑު ކޮޅަށް ޖުމްލަ 57 ލަނޑު ވަދެފައިވެއެވެ. އެޓީމަށް ކާމިޔާބު ކުރެވުނީވެސް ހަމަ 57 ލަނޑެވެ.
އައު ކޯޗަކާއެކު ޔުނައިޓެޑުން މި ސީޒަން ފެށިއިރު، ދެވަނަ މެޗުންވެސް ފެނިގެންދިޔައީ ފުރަތަމަ މެޗެކޭ އެއްފަދައިން ޓީމުގެ ޑިފެންސްލައިނުން ގިނަ ގޯސްތަކެއް ހެދިތަނެވެ. އަދި އާންމުގޮތެއްގައި މޮޅު ކުޅުމެއް ދައްކާ ޔުނައިޓެޑުގެ ކީޕަރުގެ ފަރާތުންވެސް މިމެޗުގައި ގިނަ ގޯސްތަކެއް ހެދިތަން އަދި ސީދާ އޭނާގެ މިސްޓޭކުތަކުގެ ސަބަބުން ބައިކޮޅަށް ލަނޑު ވަންތަންވެސް ފެނިގެންދިޔައެވެ. ނަތީޖާއަކަށްވީ މި މެޗު ފަށައިގެން 10 މިނެޓުގެ ތެރޭގައި ބްރެންޓްފޯޑުން ލަނޑެއްޖަހާ ލީޑުނެގުމެވެ. ޖޯޝް ޑަސިލްވާގެ މިލަނޑާއެކު ޔުނައިޓެޑުން ލީޑުނެގިއިރު، އޭގެ 8 މިނެޓުފަހުން މެތިއަސް ޖެންސެން ވަނީ ދެވަނަ ލަނޑެއް ޖަހާ ބްރެންޓްފޯޑުގެ ލީޑު ފުޅާކޮށްދީފައެވެ.
ބްރެންޓްފޯޑުން ތިންވަނަ ލަނޑެއްޖެހީ މެޗުގެ 30 ވަނަ މިނެޓުގައެވެ. ބެން މީ މިލަނޑު އެޓީމަށް ޖަހައިދިން އިރު ބްރަޔަން ވަނީ މިހާފުގައި އެޓީމުން ޖެހި ފަހު ލަނޑު އަދި މެޗުގެ ހަތަރުވަނަ ލަނޑު އޭގެ ފަސް މިނެޓުފަހުން ކާމިޔާބު ކޮށްދީފައެވެ.
ޔުނައިޓެޑުގެ ކުޅުމުގެ ފެންވަރު ބޮޑުތަނުން ދަށްވުމާއެކު ދެވަނަ ހާފަށް ޓީމު ނުކުތްއިރު ކޯޗު ޓެންހާގް ވަނީ ތިން ބަދަލެއް ގެނެސްފައެވެ. އެގޮތުން ފުރަތަމަ ހާފުގައި ޑިފެންސްލައިން ބެލެހެއްޓި ލޫކް ޝޯ އާއި ލިސަންޑްރޯ މާޓިނޭޒްގެ ބަދަލުގައި ޓައިރެލް މަލާސިއާ އަދި ރަފައެލް ވަރާން ވަނީ ކުޅެން އަރުވާފައެވެ. އަދި ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅެމުންދިޔަ ފްރެޑްގެ ބަދަލުގައި ދެވަނަ ހާފު ފެށީ ސްކޮޓް މިކްޓޮމިނޭއެވެ.
ގެނައި ބަދަލުތަކާއެކު ޔުނައިޓެޑުގެ ފަރާތުން ކުޅުން ރަނގަޅު ކުރިތަން ފެނިގެންދިޔައިރު، ދެވަނަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ހަމަލާތަކެއް އުފެއްދިތަންވެސް ފެނިގެންދިޔައެވެ. އެހެންނަމަވެސް ގޯލެއް ޖެހުމަށް ޔުނައިޓެޑުން ކުރަމުންދިޔަ މަސައްކަތަށް މިހާފުގައިވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔަ ހަތަރު ލަނޑާއެކު ބްރެންޓްފޯޑުގެ ދަނޑުގައި މެޗު ބަލަން ވަދެތިބި ޔުނައިޓެޑުގެ ސަޕޯޓަރުންތަކެއްގެ ނުރުހުން ކުލަބުގެ ވެރިންނަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ޔުނައިޓެޑުގެ ހިންގުމާ ހަވާލުވެތިބި ގްލޭޒަރ އާއިލާއިން ޓީމު ދޫކޮށްލުމަށް ގޮވާލާ އެތައް ބެނާއެއް ދަނޑުގައި ހަރުކޮށްފައިވެއެވެ.
މި ބައްޔާއެކު ޔުނައިޓެޑް ވަނީ ތާވަލުގެ ފުލަށް ވެއްޓިފައެވެ. މިހާތަނަށް ޔުނައިޓެޑުން ކުޅުނު ދެމެޗުންވެސް ބަލިވެފައިވާއިރު، ކާމިޔާބު ކުރެވިފައިވަނީ އެންމެ ލަނޑެކެވެ. ބައިކޮޅަށް ޖުމްލަ 6 ލަނޑު ވަދެފައިވެއެވެ. ޔުނައިޓެޑް ފުލުގައި އޮތީ ގެއްލުން 5 ގޯލާއި އެކުއެވެ. މެޗުން ހޯދި ބޮޑު މޮޅާއެކު ބްރެންޓްފޯޑް ވަނީ ވަގުތީ ގޮތުން ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. ބްރެންޓްފޯޑަށް ދެމެޗުން 4 ޕޮއިންޓު ލިބިފައިވާއިރު، ފައިދާ 4 ގޯލު އެބައޮތެވެ.
ޔުނައިޓެޑަށް ކުރިއަށް ދެން އޮތީ، އަނެއްކާވެސް ބޮޑު ޗެލެންޖެކެވެ. އެއީ މިމަހުގެ 23 ވަނަ ދުވަހު ވަރުގަދަ ލިވަޕޫލާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ.