ދިވެހި އެފްއޭ ކަޕުގެ ކުއާޓަރ ފައިނަލުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދާ، ކްލަބް ވެލެންސިއާ އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގަ ހޯދައިފިއެވެ.

ހޮނިހިރު ދުވަހުގެރޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗުން ވެލެންސިއާ މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ކުރީކޮޅުގައި ގްރާންޑޭ އަށްވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ޓީމުގެ މެދަށް ކުޅެމުންދިޔަ އަބްދުﷲ ޖުނެއިދު (ޖެންނެ) އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ގްރާންޑޭ އިން ފުރުސަތުތައް ތަނަވަސްކުރަމުން ދަނިކޮށް މި މެޗު ވެލެންސިއާ އިން ކާމިޔާބު ކުރީ ގާތްގާތުގައި ކާމިޔާބުކުރި ދެ ލަނޑާއެކުއެވެ. އެގޮތުން މެޗުގައި ފުރަތަމަ ލަނޑު ވެލެންސިއާ އިން ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ އަސްހަދު އަލީ (އަޑުބަރޭ) އެވެ. އޭގެ ހަތަރު މިނެޓުފަހުން މެޗުގެ 17 ވަނަ މިނެޓުގައި ވެލެންސިއާ އަށް ލީޑު ފުޅާކޮށްދިނީ ކެޕްޓަން ހަސަން ސުފިޔާނެވެ.

މެޗުގައި ގްރާންޑޭ އިން ލަނޑު ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. މިހާފުގެ ނުވަވަނަ މިނެޓުގައި ލަނޑެއް ޖަހާ ގްރާންޑޭ އަށް ފަރަގު ކުޑަކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ހޫގޯ ނިކޮލަސްއެވެ.

މި މޮޅާއެކު މުބާރާތުގެ ސެމީއަށް ވެލެންސިއާ ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ ކުއާޓާ ފައިނަލުގައި ކުލަބު އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ކުއާޓާއަށް ސަސް ދަތުރުކުރީ ބިސް ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު 0-10 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. އީގަލްސް އާއި ސަސްގެ މެޗު އޮންނާނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

އެފްއޭ ކަޕުގެ ކުއާޓަރ ފައިނަލުގައި މިހާތަނަށް ދެ މެޗެއް ވަނީ ކުޅެފައެވެ. މިމެޗުތަކުގައި ކުރިހޯދާ ސެމީ ފައިނަލުގެ ޖާގަ މިހާތަނަށް ހޯދާފައިވަނީ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. މާޒިޔާ ސެމީއަށް ދަތުރުކުރީ ޔުނައިޓެޑް ވިކްޓަރީ ފަހަތަށް ޖެއްސުމަށްފަހުއެވެ. ގްރީން ސްޓްރީޓްސް ސެމީގެ ޖާގައެއް ހޯދީ ހޮނިހިރު ދުވަހުގެ ހަވީރު ޓީސީ އާއި ދެކޮޅަށް ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.

ސެމީ ފައިނަލް މެޗުތައް ކުޅޭނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ސެމީގެ ފުރަތަމަ މެޗުގައި އެދުވަހުގެ ހަވީރު ބައްދަލު ކުރާނީ މާޒިޔާ އާއި ގްރީން ސްޓްރީޓްސް އެވެ.