ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ މޭސްތިރިކަމުގެ ދަށުން މި ސަރުކާރުން ދިވެހިންނަށް ގެނެސްދީފައިވާ އިންގިލާބީ ތަރައްގީ، ދިވެހި ރައްޔިތުން ބަލައިގެންފައިވާކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިފަދައިން ވިދާޅުވީ، އިއްޔެ ކުރިއަށްދިޔަ ބައި އިލެކްޝަން ތަކުގައި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓުންނަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން މިނިސްޓަރ މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވަނީ ލިބުނު ކާމިޔާބީއަށް ހަމްދު ކޮށްފައެވެ. އެއަށްފަހު ބުނެފައިވަނީ ލާދީނީއަށް ގޮވާ، ފާހިޝް ކަންކަން ފަތުރާ ބަޔަކަށް ހަދާ އަދި ތަފާތު ގިނަ އިލްޒާމްތައް "އެބައިމީހުން" އަޅުވަމުން ގެންދާ ކަމަށެވެ. އަދި މިއީ ސިޔާސީ ބޭނުމުގަ އެފަދަ ފަރާތްތަކުން ދައްކާ ވާހަކަތަކެއްކަން ރައްޔިތުންނަށް މިއަދު ސާފުވާނެ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ އިންގިލާބީ ތަރައްގީ ރައްޔިތުން ބަލައިގެންފި ކަމަށެވެ.

ލިބުނު ކާމިޔާބީ ފާހަގަކޮށް މަހްލޫފް މިފަދައިން ޓުވީޓު ކުރެއްވިއިރު، އެމަނިކުފާނަކީ މި ބައި އިލެކްޝަންތަކުގެ ކެމްޕެއިނުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަތް އެންމެ އިސް ފަރާތެވެ. އިދިކޮޅު ކޯލިޝަނުންވެސް ވާދަކުރި މި އިންތިޚާބުގައި އެ ކޯލިޝަނުން އންމެ އިސްކޮށް ކެމްޕެއިންގައި ހަރަކާތްތެރިވެފައި ވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

އިލްޒާމްތަކެއް އަޅުވާފައިވާކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވިއިރު، މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ފާހަގަކުރި ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ގަލޮޅު ދަނޑުގައި ރާއްޖޭގެ ޔޫތު މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަން ގުޅިގެން ބޭއްވި ހަރަކާތްތަކާއި ގުޅިގެން މި ސަރުކާރަށާއި މިނިސްޓަރ މަހްލޫފް އަށް ގިނަބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ. ހާއްސަކޮށް މި ހަރަކާތް ހުއްޓުވުމަށް އާންމު ރައްޔިތުންތަކެއް ކުރި މަސައްކަތަށް މިނިސްޓަރ މަހްލޫފް އިޖާބަ ނުދެއްވިކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔާފައިވެއެވެ.

އިއްޔެ ކުރިއަށްދިޔަ ބައި އިލެކްޝަންތަކުގެ ތެރެއިން ދިއްގަރު ބައި އިލެކްޝަންގައި އެމްޑިޕީގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓަކުވެސް ވާދަކުރިއެވެ. މި އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އާރިފް އަށް 375 ވޯޓު ލިބުނުއިރު، ޕީޕީއެމްއިން ވާދަކުރި އަބްދުލްހަންނާނަށް ލިބިފައިވަނީ 325 ވޯޓެވެ.

މިއީ ދިއްގަރު ކައުންސިލްގެ މެންބަރު އިބްރާހީމް ހަލީލް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި އިންތިހާބެކެވެ.

މީގެއިތުރުން ގާދިއްފުށި ބައި އިލެކްޝަންގައި އެމްޑިޕީގެ އިތުރުން ޕީޕީއެމް އާއި އެމްއާރްއެމް އިންވެސް ކެންޑިޑޭޓުން ވާދަކުރިއެވެ. މި އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިހާ އަހްމަދު އަށް 210 ވޯޓު ލިބުނުއިރު، ޕީޕީއެމްއިން ވާދަކުރި ހައްވާ އަބްދުލް ހާދީއަށް ލިބިފައިވަނީ 201 ވޯޓެވެ. އަދި އެމްއާރްއެމްގެ މަލްދާއަށް ލިބިފައި ވަނީ ހަތަރު ވޯޓެވެ.