ޒިނޭ ކުރުމާއި ލިވާތުކުރުން ނުވަތަ އެއްޖިންސުން ގުޅުން ހިންގުމަކީ މިނިވަންކަން ކަމަށް ދޭހަވާ ގޮތަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ޓްވީޓް ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެއެވެ.

އިބްރާހިމް އިސްމާއިލްގެ ޓްވީޓްގައި ބުނެފައި ވަނީ ލިވާތުކުރުމާއި ޒިނޭ ކުރުމަކީވެސް ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ރުހުމުގައި އެކަހެރިވެ ތިބެ ކުރާ ކަމެއް ކަަމަށާއި އެ ކަމުގެ ސަބަބުން އެހެން މީހަކަށް ނުރައްކަލެއް ނެތް ކަމަށެވެ. އަދި އެހެން މީހެއްގެ މިނިވަންކަމަށް ހުރަސް ނޭޅޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

އޭނާ މި މޭރުމުން ޓްވީޓެއް ކުރީ އެއްޖިންސުން ގުޅުން ހިންގި މީހުން ދެ ހަފުތާ ނުވަނީސް ދޫކޮށްލިއިރުގައި، ޔޯގާ މައްސަލައިގައި ހައްޔަރުކޮށްފައިވާ ބައެއް މީހުން ބަންދުގައި ހުންނަތާ މިއަދަށް 52 ދުވަސް ވެއްޖެ ކަމަށް ބުނެ މީހަކު ކޮށްފައިވާ ޓްވީޓަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.

އިބްރާ ބުނީ، ޔޯގާ ދުވެހުގެ ހަމަނުޖެހުމަކީ އެހެން ބައެއްގެ މިނިވަންކަމަށް ހުރަސް އަޅައި ޖިސްމަށް އަނިޔާ ދޭނެ ކަމުގެ އަމަލުތައް ހިމެނޭގޮތުން، އާންމު ތަނެއްގައި ހިންގި "ޓެރަރިޒަމް"ގެ އަަމަލެއް ކަމަށެވެ.

އިބްރާގެ ޓްވީޓަށް ރައްދު ދިން ބައެއް އާންމުން ވަނީ ޒިނޭ ކުރުމާއި އެއްޖިންސުން ގުޅުން ހިންގުމަކީ މިނިވަންކަމެއްގެ ގޮތުގައި އޭނާ ސިފަކޮށްފައި ވާތީ ހައްޔަރުކުރުމަށް ގޮވާލާފައެވެ.

އަދި ލިވާތުކުރުމަކީ އެކަމުގެ ސަބަބުން އެހެން މީހުންނަށް ނުރައްކާ ނުވާ ކަމެއްނަމަ، ކީރިތި ޤުރުއާނާއި ރަސޫލާ ﷺގެ ހަދީޘް ބަސްފުޅުން އެކަން ކުރާ މީހުންނަށް ހުރި އަޒާބުގެ ވާހަކަ ބަޔާން ނުކުރެއްވީސް ކަމަށާއި އެ ކަމުގެ ސަބަބުން ރަށެއް ހަލާކު ނުކުރެއްވީސް ކަމަށް ޚިޔާލުފާލުކުރި ބައެއް މީހުން ބުނެފައި ވެއެވެ.

އިހުގެ އުންމަތްތަކުގެ ވާހަކަތަކުގެ ތެރެއިން ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވާ އެންމެ ތަފްސީލީ އަދި އެންމެ އިބްރަތްތެރި އެއް ވާހަކައަކީ ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ވާހަކައެވެ. ސަދޫމް ސަހަރު ނެތި ކުރައްވައި ފަނާ ކުރެއްވި ގޮތުގެ ވާހަކައެވެ. އެއީ އެމީހުން ދެމިތިބި ފާޙިޝް ޢަމަލުތަކުގެ ސަބަބުންނެވެ. ލޫޠުގެފާނު ފޮނުއްވައި ތެދުމަގު ބަޔާން ކޮށްދެއްވުމުންވެސް އެމީހުން، އެ ނުބައި ފާހިޝް އަމަލުތަކާ ދުރަށް ނުދިޔުމުންނެވެ.

ދީނުގެ ކަންކަމުގައި އިބްރާހިމް އިސްމާއިލް ދައްކާ ބައެއް ވާހަތަކާއި ގުޅިގެން ބައެއް ފަހަރު ސޯޝަލްމީޑިއާގައި އާންމުން ރުޅިގަދަވެއެވެ. މީގެ ކުރިން ޓްވިޓަރގައި ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކުރި ކަމަށް ބުނެވެސް އިބްރާހިމް އިސްމާއިލަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވިއެވެ.

މިފަހުން ބަންގުލަދޭޝްގެ ރައްޔިތަކާއެކު ގިނަ އަދަދެއްގެ ދިވެހިން އެއްޖިންސުން ގުޅުން ހިންގި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. ބަންގްލަދޭޝްގެ ޒުވާން ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގި ބައެއް މީހުންގެ ވީޑިއޯ ވެސް ސޯޝަލްމީޑިއާގައި ވަނީ އާންމުވެފައެވެ.

މި މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ޤާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއުއެވެ. އެހެންނަމަވެސް މި ތިން މީހުންވެސް މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ.

އަލަމްގީރާއި އެކު އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ސަރުކާރުގެ މުވައްޒަފުންތަކަކަކަށް ވެސް ކުރެވޭއިރު ތުހުމަތުކުރެވޭ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ މުވައްޒަފުން މިހާރު ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.

މިމައްސަލައިގެ އިތުރު ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ކުރަމުންނެވެ.